ޙަދީޘުގެ ބައި

ޖ: އަމީރުލް މުއުމިނީން، އަބޫ ޙަފްޞު ޢުމަރު ބްނުލް ޚައްޠާބު رَضِيَ اللَّهُ تَعَالَى عَنْهُ ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ صَلَّى اللهُ تَعَالَى عَلَيْهِ وعَلَى آَلِهِ وَسَلَّمَ ޙަދީޘްކުރައްވަނިކޮށް އަހަރެން އަޑުއެހީމެވެ: «إنما الأعمال بالنيات، وإنما لكل امرئ ما نوى، فمن كانت هجرته إلى الله ورسوله؛ فهجرته إلى الله ورسوله، ومن كانت هجرته لدنيا يصيبها، أو امرأة ينكحها؛ فهجرته إلى ما هاجر إليه»
"ހަމަކަށަވަރުން ޢަމަލުތައް ވަނީ ނިޔަތުގެ މައްޗަށެވެ. އަދި ކޮންމެ މީހަކަށްވެސް ވަނީ ހަމައެކަނި އެމީހަކު ނިޔަތްގަތް ކަމެކެވެ. ފަހެ އެމީހަކު ހިޖުރަކުރީ ﷲ އާއި އެކަލާނގެ ރަސޫލާއަށްޓަކައި ކަމަށްވާނަމަ؛ ފަހެ އޭނާގެ ހިޖުރަވަނީ ﷲ އާއި އެކަލާނގެ ރަސޫލާއަށެވެ. އަދި އެމީހަކުގެ ހިޖުރަވަނީ: ދުނިޔެ ހޯދުމަށްޓަކައި، ނުވަތަ އަންހެނަކާ ކައިވެނިކުރަންނަމަ؛ ފަހެ އޭނާގެ ހިޖުރަވަނީ އޭނާ ހިޖުރަކުރި ކަމަކަށެވެ." ރިވާކުރެއްވީ އަލްބުޚާރީ އާއި މުސްލިމެވެ.
ޙަދީޘުން ލިބޭ ފައިދާތައް:

1. ނަމާދާއި، ރޯދައާއި، ޙައްޖާއި އެނޫންވެސް ޢަމަލުތަކުންވާ ކޮންމެ ޢަމަލަކަށްވެސް ނިޔަތް އޮންނަން ޖެހޭނެއެވެ.
2. ނިޔަތުގައި ﷲ ތަޢާލާއަށް ކޮންމެހެންވެސް އިޚްލާޞްތެރިވާން ޖެހޭނެއެވެ.

ޖ: އުންމުލް މުއުމިނީން، ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: «من أحدث في أمرنا هذا ما ليس منه، فهو ردٌّ»
"އަހަރުމެންގެ މި ދީނުގެ ތެރެއަށް އޭގައި ނެތް އެއްޗެއް އުފައްދައިފި މީހަކު، ފަހެ އެ ކަމެއް ވަނީ ރައްދުކުރެވިގެންނެވެ." ރިވާކުރެއްވީ އަލްބުޚާރީ އާއި މުސްލިމެވެ.
ޙަދީޘުން ލިބޭ ފައިދާތައް:

1. ދީނުގައި އަލަށް ކަންކަން އުފެއްދުން ނަހީވެގެންވުން.
2. އަލަށް އުފެއްދޭ ކަންކަންވަނީ ޤަބޫލު ނުވެވި، ރައްދުކުރެވިގެންނެވެ.

ޖ: ޢުމަރު ބްނުލް ޚައްޠާބު رضي الله عنه ވިދާޅުވިކަމަށް ރިވާވެގެންވެއެވެ: «بينما نحن جلوس عند رسول الله صلى الله عليه وسلم ذات يوم، إذ طلع علينا رجل شديد بياض الثياب، شديد سواد الشعر، لا يرى عليه أثر السفر، ولا يعرفه منا أحد، حتى جلس إلى النبي صلى الله عليه وسلم، فأسند ركبته إلى ركبتيه، ووضع كفيه على فخذيه، وقال: «يا محمد أخبرني عن الإسلام»، فقال له: «الإسلام: أن تشهد أن لا إله إلا الله، وأن محمدًا رسول الله، وتقيم الصلاة، وتؤتي الزكاة، وتصوم رمضان، وتحج البيت إن استطعت إليه سبيلًا»، قال: «صدقت»، فعجبنا له يسأله ويصدقه، قال: «أخبرني عن الإيمان» قال: «أن تؤمن بالله، وملائكته، وكتبه، ورسله، واليوم الآخر، وتؤمن بالقدر؛ خيره وشره»، قال: «صدقت»، قال: «فأخبرني عن الإحسان»، قال: «أن تعبد الله كأنك تراه، فإن لم تكن تراه، فإنه يراك»، قال: «فأخبرني عن الساعة»، قال: «ما المسؤول بأعلم من السائل»، قال: «فأخبرني عن أماراتها»، قال: «أن تلد الأمة ربتها، وأن ترى الحفاة العراة العالة رعاء الشاء، يتطاولون في البنيان» ثم انطلق فلبث مليًّا، ثم قال: «يا عمر! أتدري من السائل؟»، قلت: "الله ورسوله أعلم"، قال: «فإنه جبريل، أتاكم يعلمكم دينكم»
"އެއް ދުވަހަކު ތިމަންމެން ﷲ ގެ ރަސޫލާ ﷺ ގެ އަރިހުގައި އިށީންދެގެން ތިއްބާ، ހެދުމުގެ ހުދުކަން ގަދަ، ބޮލުގެ އިސްތަށިގަނޑުގެ ކަޅުކަން ގަދަ، މީހަކު އަހަރުމެންގެ ގާތަށް ފާޅުވިއެވެ. އޭނާގެ ކިބައިން ދަތުރުގެ އަސަރެއް ނުފެނެއެވެ. އަދި އަހަރުމެންގެ ތެރެއިން އެކަކުވެސް އޭނާ ނުދަނެއެވެ. އޭނާ އައިސް ނަބިއްޔާ ﷺގެ އަރިހުގައި އިށީންދެއްޖައުމަށް ދާންދެނެވެ. ދެން އޭނާގެ ކަކޫ އެކަލޭގެފާނުގެ ކަކޫފުޅުގައި ޖެއްސިއެވެ. އަދި އޭނާގެ ދެ އަތްތިލަ އެކަލޭގެފާނުގެ ފަލަމަސްގަނޑުފުޅުގައި ބޭއްވިއެވެ. ދެން ދެންނެވިއެވެ: "އޭ މުޙައްމަދެވެ! އިސްލާމްކަމާ ބެހޭގޮތުން އަހަރެންނަށް ޚަބަރުދީބަލާށެވެ!" ދެން އެކަލޭގެފާނު އޭނާއަށް ޙަދީޘްކުރެއްވިއެވެ: "އިސްލާމްކަމަކީ: ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށާއި، މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް ތިބާ ހެކިވެ، ނަމާދު ޤާއިމުކޮށް، ޒަކާތްދީ، ރަމަޟާންމަހު ރޯދަ ހިފައި، ޙައްޖަށް ދިޔުމަށް ތިބާއަށް މަގެއް ފަހިވެ ކުޅަދާނަވެއްޖެނަމަ؛ ގެފުޅަށް ޙައްޖުވުމެވެ." އޭނާ ބުނެފިއެވެ: "ތިޔަ ބުނީ ތެދަށެވެ." ދެން އޭނާ ސުވާލުކޮށްފައި، އަދި ތެދުކުރާތީވެ އަހަރުމެން ޢަޖައިބުވިއެވެ. ދެން އޭނާ ބުނެފިއެވެ: "އީމާންކަމާ ބެހޭގޮތުން ޚަބަރުދީބަލާށެވެ." ޙަދީޘްކުރެއްވިއެވެ: "ތިބާ ﷲ އަށާއި، އެކަލާނގެ މަލާއިކަތުންނާއި، އެކަލާނގެ ފޮތްތަކާއި، އެކަލާނގެ ރަސޫލުންނާއި، އާޚިރަތް ދުވަހަށް އީމާންވުމާއި، ޤަޟާޤަދަރަށް -އޭގެ ހެޔޮމިންވަރާއި ނުބައި މިންވަރަށްވެސް- އީމާންވުމެވެ." ދެން އޭނާ ބުނެފިއެވެ: "ތިޔައީ ތެދެކެވެ." އަދި ބުނެފިއެވެ: "ދެން އިޙްސާންތެރިކަމާ ބެހޭގޮތުން ޚަބަރުދީބަލާށެވެ." ޙަދީޘްކުރެއްވިއެވެ: "އެއީ ﷲ ދެކެދެކެހުރެގެން އަޅުކަންކުރާ ފަދައިން ތިބާ އެކަލާނގެއަށް އަޅުކަންކުރުމެވެ. އެހެނީ ތިބާއަށް އެކަލާނގެ ފެންނަކަމުގައި ނުވިޔަސް އެކަލާނގެ ތިބާ ދެކެވޮޑިގެންވެއެވެ." އޭނާ ބުނެފިއެވެ: "ދެންފަހެ ޤިޔާމަތްދުވަހާ ބެހޭގޮތުން ޚަބަރުދީބަލާށެވެ." އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "އެކަމާމެދު ސުވާލުކުރެވުނު މީހާ، ވަކި ސުވާލުކުރި މީހާއަށްވުރެ ބޮޑަށް އެއްޗެއް ދަނެގެން ނުވެއެވެ." އޭނާ ދެންނެވިއެވެ: "އެހެންވިއްޔާ ޤިޔާމަތުގެ ޢަލާމާތްތަކުގެ ޚަބަރުދީބަލާށެވެ." ޙަދީޘްކުރެއްވިއެވެ: "އަޅުއަންހެނާ އޭނާގެ އަންހެން ސާހިބުމީހާ ވިހެއުމާއި، ހުސްފަޔާ އޮރިޔާން ނިވާނުވާ، ފަޤީރު ޙާލުގައި ބަކަރި ހުއިހެއްޕުމުގައި އުޅުނު މީހުން، އުސް ބިނާތައް އެޅުމުގައި ވާދަކުރާތަން ތިބާއަށް ފެނުމެވެ." ދެން އޭނާ ދިޔައެވެ. އަދި އަހަރެން އިރުގަނޑަކު މަޑުކުރީމެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "އޭ ޢުމަރެވެ! އެ ސުވާލުކުރި މީހަކީ ކާކުކަން ތިބާއަށް އެނގޭހެއްޔެވެ؟" އަހަރެން ދެންނެވީމެވެ: "މޮޅަށް ދެނެވަޑައިގެންވަނީ ﷲ އާއި އެކަލާނގެ ރަސޫލާއެވެ." ޙަދީޘްކުރެއްވިއެވެ: "ފަހެ ހަމަކަށަވަރުން އެއީ ޖިބްރީލެވެ. އެކަލޭގެފާނު ތިޔަބައިމީހުންގެ ގާތަށް އެ ވަޑައިގެންނެވީ، ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށް އުނގަންނައިދެއްވުމަށެވެ." ރިވާކުރެއްވީ މުސްލިމެވެ.
ޙަދީޘުން ލިބޭ ފައިދާތައް:

1. އިސްލާމްދީނުގެ ފަސް ރުކުން ބަޔާންކުރުން؛ އެއީ:
- ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށާއި މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް ހެކިވުމެވެ.
- ނަމާދު ޤާއިމުކުރުމެވެ.
- ޒަކާތް ދިނުމެވެ.
- ރަމަޟާން މަހުގެ ރޯދަ ހިފުމެވެ.
- ﷲ ގެ ޙުރުމަތްތެރިވެގެންވާ ގެފުޅަށް ޙައްޖުވުމެވެ.
2- އީމާންކަމުގެ ރުކުންތައް ބަޔާންކުރުމެވެ. އެއީ ހައެކެވެ:
- ﷲ އަށް އީމާންވުން.
- އެކަލާނގެ މަލާއިކަތުންނަށް އީމާންވުން.
- އެކަލާނގެ ފޮތްތަކަށް އީމާންވުން.
- އެކަލާނގެ ރަސޫލުންނަށް އީމާންވުން.
- އާޚިރަތްދުވަހަށް އީމާންވުން.
- ޤަދަރަށް، އޭގެ ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވުން.
3- އިޙުސާންތެރިކަމުގެ ރުކުން ބަޔާންކުރުމެވެ. އެއީ އެންމެ ރުކުނެކެވެ: އެއީ ﷲ ދެކެދެކެހުރެގެން އަޅުކަންކުރާފަދައިން ތިބާ އެކަލާނގެއަށް އަޅުކަންކުރުމެވެ. އެހެނީ ތިބާއަށް އެކަލާނގެ ފެންނަކަމުގައި ނުވިޔަސް އެކަލާނގެ ތިބާ ދެކެވޮޑިގެންވެއެވެ.
4. ޤިޔާމަތް ޤާއިމުވުމުގެ ވަޤުތު، ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތަކަށް އެނގިގެން ނުވެއެވެ.

ޖ: އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: «أكمل المؤمنين إيمانًا: أحسنهم خلقًا»
"މުއުމިނުންގެ ތެރެއިން އީމާންކަން އެންމެ ފުރިހަމަވެގެންވަނީ؛ އެމީހުންގެ ތެރެއިން އެންމެ އަޚްލާޤު ރަނގަޅު މީހާއެވެ." ރިވާކުރެއްވީ އައްތިރްމިޛީއެވެ. އަދި ވިދާޅުވިއެވެ: ޞައްޙަ ޙަސަނު ދަރަޖައިގެ ޙަދީޘެކެވެ.
ޙަދީޘުން ލިބޭ ފައިދާތައް:

1. ރިވެތި އަޚްލާޤަށް ބާރުއަޅާ ހިތްވަރުދިނުން.
2. އަޚްލާޤުގެ ފުރިހަމަކަމަކީ އީމާންތެރިކަމުގެ ފުރިހަމަކަމުގެ ތެރޭގައިވާ ކަމެކެވެ.
3. އީމާންކަން އުނި އިތުރުވެއެވެ.

ޖ: އިބްނު ޢުމަރު رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ: ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: «من حلف بغير الله؛ فقد كفر أو أشرك».
"الله ނޫން ފަރާތެއް ގަންދީ ހުވައިކޮށްފި މީހާ ފަހެ ހަމަކަށަވަރުން އޭނާ ކާފަރު ވެއްޖެއެވެ. ނުވަތަ ޝިރުކު ކޮށްފިއެވެ." މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީއެވެ.
ޙަދީޘުން ލިބޭ ފައިދާތައް:

- ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތެއް ގަންދީ ހުވާކުރުން ހުއްދަވެގެން ނުވެއެވެ.
- ﷲ ތަޢާލާ ނޫން އެހެން ފަރާތެއް ގަންދީ ހުވާކުރުމަކީ ކުޑަ ޝިރުކުގެ ތެރެއިންވާ ކަމެކެވެ.

ޖ: އަނަސް رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: «لا يؤمن أحدكم حتى أكون أحب إليه من والده، وولده، والناس أجمعين»
"އެމީހެއްގެ ބައްޕައާއި، ދަރިއާއި، ހުރިހާ މީސްތަކުންނަށްވުރެވެސް ތިމަންކަލޭގެފާނު އެމީހަކުގެ ގާތުގައި ލޮބުވެތިވެއްޖައުމަށް ދާންދެން ތިޔައިގެ ތެރެއިން އެކަކުވެސް އީމާންވިކަމުގައި ނުވެއެވެ." ރިވާކުރެއްވީ އަލްބުޚާރީ އާއި މުސްލިމެވެ.
މި ޙަދީޘުން ލިބޭ ފައިދާތަކުގެ ތެރޭގައި:

- ހުރިހާ މީސްތަކުންނަށްވުރެ ބޮޑަށް ނަބިއްޔާ ﷺ ދެކެ ލޯބިވާންޖެހެއެވެ.
- އެއީ އީމާންކަމުގެ ފުރިހަމަކަމުގެ ތެރެއިންވާ ކަމެކެވެ.

ޖ: އަނަސް رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: «لا يؤمن أحدكم؛ حتى يحب لأخيه ما يحب لنفسه»
"ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހަކު، އޭނާގެ އަމިއްލަ ނަފްސަށް ލޯބިކުރާ ގޮތަށް އޭނާގެ އަޚާއަށް ލޯބިކޮށްފުމަށް ދާންދެން އީމާންވިކަމުގައި ނުވެއެވެ." ރިވާކުރެއްވީ އަލްބުޚާރީ އާއި މުސްލިމެވެ.
މި ޙަދީޘުން ލިބޭ ފައިދާތަކުގެ ތެރޭގައި:

- މުއުމިނަކު އޭނާގެ އަމިއްލަ ނަފްސަށް ލޯބިވާ ފަދައިން މުއުމިނުންނަށް ވެސް ހެޔޮކަމަށް ލޯބިވާން ޖެހެއެވެ.
- އަދި އެއީ އީމާންކަމުގެ ފުރިހަމަކަމުގެ ތެރެއިންވާ ކަމެކެވެ.

ޖ: އަބޫ ސަޢީދު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: «والذي نفسي بيده! إنها لتعدل تعدل ثلث القرآن»
"ތިމަންކަލޭގެފާނުގެ ނަފްސު އެއިލާހުގެ އަތްޕުޅުގައިވާ އިލާހު ގަންދީ ވިދާޅުވަމެވެ: ހަމަކަށަވަރުން އެ ސޫރަތް (އެބަހީ: އަލްއިޚްލާޞް) ޤުރްއާނުގެ ތިންބައިކުޅަ އެއްބަޔާ އެއްވަރުވެގެންވެއެވެ." ރިވާކުރެއްވީ އަލްބުޚާރީއެވެ.
ޙަދީޘުން ލިބޭ ބައެއް ފައިދާތައް:

1. ސޫރަތުލް އިޚްލާސްގެ މާތްކަން.
2- އެ ސޫރަތް ޤުރްއާނުގެ ތިންބައިކުޅަ އެއްބަޔާ އެއްވަރުކަން.

ޖ: އަބޫ މޫސާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: «لا حول ولا قوة إلا بالله كنز من كنوز الجنة»
"«لا حول ولا قوة إلا بالله» އެއީ ސުވަރުގޭގެ ކަންޒުތަކުގެ ތެރެއިން ކަންޒެކެވެ." ރިވާކުރެއްވީ އަލްބުޚާރީ އާއި މުސްލިމެވެ.
މި ޙަދީޘުން ލިބޭ ފައިދާތަކުގެ ތެރޭގައި:

1. މި ލަފްޒުގެ ހެޔޮކަން، އަދި އެއީ ސުވަރުގޭގެ ޚަޒާނާއެއްކަން.
2. އަޅާ އޭނާގެ އަމިއްލަ އާރާއި ބާރުން އެއްކިބާވެ، ހަމައެކަނި ﷲ ތަޢާލާއަށް ބަރޯސާވުން.

ޖ: އައްނުޢުމާނު ބްނު ބަޝީރު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރައްވަނިކޮށް އަހަރެން އަޑުއެހީމެވެ: «ألا وإن في الجسد مضغة إذا صلحت صلح الجسد كله، وإذا فسدت فسد الجسد كله، ألا وهي القلب»
"ހަމަކަށަވަރުން ހަށިގަނޑުގައި މަސްކޮޅެއްވެއެވެ. ​​އެ ރަނގަޅުވެއްޖެނަމަ މުޅި ހަށިގަނޑު ރަނގަޅުވީއެވެ. އަދި އެ ފާސިދުވެއްޖެ ނަމަ މުޅި ހަށިގަނޑު ފާސިދުވީއެވެ. ދަންނާށެވެ. އެއީ ހިތެވެ." ރިވާކުރެއްވީ އަލްބުޚާރީ އާއި މުސްލިމެވެ.
ޙަދީޘުން ލިބޭ ބައެއް ފައިދާތައް:

1. ހިތް އިޞްލާޙުވުމުގައި ބޭރުފުށާއި އެތެރެފުށް އިޞްލާޙުވުން ވެއެވެ.
2. ހިތް ރަނގަޅުވެ އިޞްލާޙުވެގެންވުމަށް ސަމާލުކަންދިނުން. އެހެނީ އިންސާނާ ހެޔޮވެ އިޞްލާޙުވުންވަނީ އެކަމުގައިއެވެ.

ޖ: މުޢާޛު ބްނު ޖަބަލު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: «من كان آخر كلامه: لا إله إلا الله؛ دخل الجنة»
"އެމީހެއްގެ އެންމެ ފަހު ބަހަކީ لا إله إلا الله ކަމުގައި ވެއްޖެ މީހާ ސުވަރުގެ ވަދެއްޖެއެވެ." ރިވާކުރެއްވީ އަބޫ ދާވޫދެވެ.
ޙަދީޘުން ލިބޭ ބައެއް ފައިދާތައް:

1. لا إله إلا الله ގެ މާތްކަމާއި، އެ ކަލިމައިގެ ސަބަބުން އަޅާ ސުވަރުގެ ވަންނަކަން.
2. އަދި މިދުނިޔެއިން އެންމެ ފަހު ބަހަކީ لا إله إلا الله ކަމުގައި ވެއްޖެ މީހާގެ މާތްކަން.

ޖ: ޢަބްދު ﷲ ބްނު މަސްޢޫދު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: «ليس المؤمن بالطعان، ولا اللعان، ولا الفاحش، ولا البذيء»
“މުއުމިނަކީ ފާޑުކިޔާ އެއްޗެހިކިޔުން ގިނަ މީހެއް ނޫނެވެ. އަދި ލަޢުނަތްދިނުން ބޮޑު މީހެއްވެސް ނޫނެވެ. އަދި ފާޙިޝް ބަސްބުނާ މީހެއްވެސް ނޫނެވެ. އަދި ހަޑިހުތުރު ބަސް ބުނާ މީހެއްވެސް ނޫނެވެ.” މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީއެވެ.
މި ޙަދީޘުން ލިބޭ ފައިދާތަކުގެ ތެރޭގައި:

- ކޮންމެ ބާޠިލު އަދި ހުތުރު ވާހަކައެއް ދެއްކުން ނަހީވެގެންވުން.
- އެއީ މުއުމިނާގެ ދުލުގައިވާ ޞިފައެއްކަން.

ޖ: އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ: ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: «من حسن إسلام المرء: تركُه ما لا يعنيه»
“މީހާގެ އިސްލާމްކަމުގެ ރިވެތިކަމުގެ ތެރޭގައި އޭނާއާ ނުބެހޭ، މުހިއްމުކަމެއް ނެތް ކަންކަން ދޫކޮށްލުންވެއެވެ.” މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީ އާއި އެހެން ބޭކަލުންނެވެ.
މި ޙަދީޘުން ލިބޭ ފައިދާތަކުގެ ތެރޭގައި:

1. އެހެން މީހުންގެ ދީނާއި ދުނިޔަވީ ކަންކަމުން ތިމާއާ ނުބެހޭ، މުހިއްމުކަމެއް ނެތްކަންކަން ދޫކޮށްލުން.
2- އެ މީހަކާ ނުބެހޭ ކަންތައް ދޫކޮށްލުމަކީ އޭނާގެ އިސްލާމްކަމުގެ ފުރިހަމަކަމުގެ ތެރޭގައިވާ ކަމެއްކަން.

ޖ: ޢަބްދު ﷲ ބްނު މަސްޢޫދު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ: ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: «مَن قرأ حرفًا من كتاب الله فله به حسنة، والحسنة بعشر أمثالها، لا أقول: ألف لام ميم حرف، وَلَكِنْ ألفٌ حرفٌ، ولامٌ حرفٌ، وميمٌ حرفٌ»
"ﷲ ގެ ފޮތުން އެންމެ އަކުރެއް ކިޔާ މީހަކަށް އެއަށް ހެޔޮ ޢަމަލެއް ވެއެވެ. އަދި ކޮންމެ ހެޔޮ ޢަމަލެއް އޭގެ ދަރުމަ ދިހަ ގުނައަށް އިތުރުވެގެންދެއެވެ. ތިމަންކަލޭގެފާނު ﴿ الم﴾ އަކީ އަކުރެއްކަމުގައި ނުބުނަމެވެ. އެކަމަކު އަލިފަކީ އަކުރެކެވެ. ލާމަކީ އަކުރެކެވެ. އަދި މީމަކީ އަކުރެކެވެ." މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީއެވެ.
ޙަދީޘުން ލިބޭ ބައެއް ފައިދާތައް:

1. ޤުރްއާން ކިޔެވުމުގެ މާތްކަން.
2. އަދި ތިބާ ކިޔަވާ ކޮންމެ އަކުރަކަށް އޭގެ ސަބަބުން އެތައް ހެޔޮކަމެއް ތިބާއަށްވެއެވެ.
*******