އިސްލާމީ އަދަބުތަކުގެ ބައި
ޖ: 1. އެކަލާނގެ ސުބްޙާނަހޫއަށް މާތްކޮށް ހިތާ މަތިކުރުން. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (ﷲ އަށް ޤަދަރުކުރުން ޙައްޤު ވެގެންވާ ގޮތުގައި، އެ މީހުން އެ އިލާހަށް ޤަދަރެއް ނުކުރެއެވެ. އަދި ޤިޔާމަތް ދުވަހު މުޅި ބިން ވާނީ އެ އިލާހު މުށްޕުޅުގައެވެ. އަދި އުޑުތައް ފަތްޖަހައިލެވި އޮޅާލެވިގެން ވާނީ އެ އިލާހުގެ ކަނާތްޕުޅުގައެވެ. އެ މީހުން ޝަރީކުކުރާ ތަކެތިން އެ އިލާހު ހުސްޠާހިރުވެ، މަތިވެރިވެ ވޮޑިގެންވެއެވެ.) [އައްޒުމަރު: 67]
2. އެއްވެސް ބައިވެރިޔަކު ނެތި، ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރުން. ﷲ ސުބްޙާނަހޫ ވަޙީކުރެއްވިއެވެ: (އަދި ބާޠިލު މަގުން އެއްކިބާވެ ތިބެ، اللَّه އަށް އަޅުކަން ޚާލިޞްކުރާ ޙާލު އެކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ އެއުރެންނަށް އަމުރުކުރެވިގެން ނުވެތެވެ...) [އަލްބައްޔިނާ: 5]
3. އެކަލާނގެއަށް ކިޔަމަންތެރިވުން. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، اللَّه އަށް ކިޔަމަންވާށެވެ!) [މުޙައްމަދު: 33]
4. އެކަލާނގެއަށް އުރެދުން ދޫކޮށްލުން. ﷲ ސުބްޙާނަހޫ ވަޙީކުރެއްވިއެވެ: (އަދި، اللَّه އަށާއި، އެކަލާނގެ ރަސޫލާއަށް އުރެދި، އެކަލާނގެ ކަނޑައަޅުއްވާފައިވާ އިންތައް ފަހަނަޅައިދާ މީހަކު، ނަރަކަޔަށް ވައްދަވާނެތެވެ. އެތާނގައި އެމީހަކު ދެމިހުންނަނިވި ގޮތުގައެވެ. އަދި، އެމީހަކަށް އިހާނަތްތެރިކަން ދެނިވި ޢަޛާބުހުށްޓެވެ.) [އައްނިސާއު: 14]
5. އެކަލާނގެ -ޖައްލަ ވަޢަލާ- ގެ ގުނާ ޢަދަދުނުކުރެވޭ ނިޢުމަތްތަކާއި ފަޟްލަވަންތަކަމަށް އެކަލާނގެއަށް ޝުކުރުވެރިވެ ޙަމްދުކުރުން. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (އަދި ތިޔަބައިމީހުން ހަމައެކަނި ﷲ އަށް އަޅުކަންކުރާ ކަމުގައިވާނަމަ (އެއިލާހު ދެއްވި ނިޢުމަތްތަކަށްޓަކައި) އެއިލާހަށް ޝުކުރުވެރިވާށެވެ.) [އައްނަޙްލު: 114]
6. އަދި އެކަލާނގެ މިންވަރުކުރައްވާ ކަންކަމަށް ކެތްތެރިވުން. ﷲ ސުބްޙާނަހޫ ވަޙީކުރެއްވިއެވެ: (އަދި ތިޔަބައި މީހުން ކެތްތެރިވާށެވެ. ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރީންނާއެކުގައެވެ.) [އަލްއަންފާލު: 46]
ޖ: 1. އެކަލޭގެފާނަށް ތަބަޢަވެ އިޤުތިދާވުން. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (ހަމަކަށަވަރުން ﷲ ގެ ރަސޫލާގެ ކިބައިގައި ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއް ވެއެވެ. (އެއީ) ﷲ އާއި އާޚިރަތަށް އެދޭ، ގިނަގިނައިން ﷲ ހަނދުމަކުރާ މީހަކަށެވެ.) [އަލްއަޙްޒާބު: 21].
2. އެކަލޭގެފާނަށް ކިޔަމަންތެރިވުން.
3. އެކަލޭގެފާނަށް އުރެދުން ދޫކޮށްލުން. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (ރަސޫލާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަކަށަވަރުން اللَّه އަށް ކިޔަމަންވެއްޖެއެެވެ. އަދި، ފުރަގަސް ދީފި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ ކަންތައްތައް ބަލަހައްޓަވަން ހުންނެވި ބޭކަލަކު ކަމުގައި ތިމަންއިލާހު ކަލޭގެފާނު ނުފޮނުއްވަމެވެ.) [އައްނިސާއު: 80]
4. އެކަލޭގެފާނު ދެއްވާ ޚަބަރުތައް ތެދުކުރުން. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (އެކަލޭގެފާނު އަމިއްލަ އެދުމަށް ފެންނަ ގޮތަށް ވާހަކަ ނުދައްކަވައެވެ. އެއީ އެކަލޭގެފާނަށް އިއްވެވޭ ވަޙީކަމުގައިމެނުވީ ނުވެއެވެ.) [އައްނަޖްމު: 3 - 4].
5. އެކަލޭގެފާނުގެ ސުންނަތުގެ މައްޗަށް ކަންކަން އުފައްދައިގެން އިތުރު ނުކުރުން. އެކަލޭގެފާނު عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ: "އަހަރުމެންގެ މި ދީނުގެ ތެރެއަށް އޭގައި ނެތް އެއްޗެއް ތަޢާރަފްކޮށްފި މީހަކު، ފަހެ އެ ކުރިކަމެއް ވަނީ އެމީހެއްގެ މައްޗަށް ރައްދުކުރެވިގެންނެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
6. އަމިއްލަ ނަފްސަށްވުރެ މާ ބޮޑަށް އަދި ހުރިހާ މީސްތަކުންނަށްވުރެ މާ ބޮޑަށް އެކަލޭގެފާނުދެކެ ލޯބިވުން. އެކަލޭގެފާނު عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ: "އެމީހެއްގެ ބައްޕައާއި، ދަރިއާއި، ހުރިހާ މީސްތަކުންނަށްވުރެވެސް ތިމަންކަލޭގެފާނު އެމީހަކުގެ ގާތުގައި ލޮބުވެތިވެއްޖައުމަށް ދާންދެން ތިޔައިގެ ތެރެއިން އެކަކުވެސް އީމާންވިކަމުގައި ނުވެއެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
7. އެކަލޭގެފާނަށް ޤަދަރުކޮށް މަތިކޮށް، އެކަލޭގެފާނަށް ނަޞްރުދީ، އަދި އެކަލޭގެފާނުގެ ސުންނަތަށްވެސް ނަޞްރުދިނުން. ﷲ ސުބްޙާނަހޫ ވަޙީކުރެއްވިއެވެ: (އެއީ ތިޔަބައިމީހުން ﷲ އަށާއި، އެ އިލާހުގެ ރަސޫލާއަށް އީމާންވުމަށް ޓަކައެވެ. އަދި އެކަލޭގެފާނަށް ނަސްރުވެރިވުމަށާއި، އެކަލޭގެފާނަށް މާތްކޮށްހިތުމަށް ޓަކައެވެ..) [އަލްފަތުޙު: 9]
ޖ: 1. ފާފައެއްކަމުގައި ނުވާ ކަންކަމުގައި މައިންބަފައިންނަށް ކިޔަމަންވުން.
2. މައިންބަފައިންނަށް ޚިދުމަތްކުރުން.
3. މައިންބަފައިންނަށް އެހީތެރިވުން.
4. މައިންބަފައިންގެ ބޭނުންތައް ފުއްދައިދިނުން.
5. މައިންބަފައިންނަށްޓަކައި ދުޢާކޮށްދިނުން.
6. ބަސް ބުނުމުގައި އެމީހުންނާ މެދު އަދަބުވެރިވުމެވެ. އެގޮތުން އެމީހުންނާ ދިމާލަށް “އުއްފު” ބުނުން ވެސް ހުއްދައެއް ނޫނެވެ. އެއީ ބުނެވޭނެ އެންމެ ކުޑަ ބަހެވެ.
7. މައިންބަފައިންގެ މޫނުމަތީ ހިނިތުންވެ، އަދި މޫނު ކުނިނުކުރުން.
8. އަހަރެންގެ އަޑު މައިންބަފައިންގެ އަޑަށްވުރެ މައްޗަށް ނުއުފުލާނަމެވެ. އެމީހުންގެ ވާހަކަ ކަނުލާ އަޑުއަހަމެވެ. އަދި އެމީހުންގެ ވާހަކަ މެދުކަނޑާނުލަމެވެ. އަދި އެމީހުންގެ ނަމުން ނުގޮވަމެވެ.
އޭގެ ބަދަލުގައި އަހަރެން ބުނަނީ: “އަހަރެންގެ ބައްޕައޭ”، “އަހަރެންގެ މަންމައޭ” އެވެ.
9. ބައްޕައާއި މަންމަ ކޮޓަރީގައި ތިއްބާ ވަނުމުގެ ކުރިން އަހަރެން ހުއްދަ ހޯދަމެވެ.
10. މައިންބަފައިންގެ އަތާއި ބޮލުގައި ބޮސްދިނުން.
އެކަލާނގެ ވަޙީކުރެއްވިއެވެ: (ﷲ އަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރައްބު ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެ މީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެ ގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް އުއްފުވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!) (އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެ މީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރައްބެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީ ދުވަހު، އެ ދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް ރަޙްމަތް ލައްވައިފާނދޭވެ!) [އަލްއިސްރާއު: 23-24]
- އަދި ޙަދީޘްގައިވެއެވެ: ނަބިއްޔާ ﷺ އަރިހަށް މީހަކު އައިސް، ޖިހާދު ކުރުމުގެ ހުއްދައަށް އެދިދެންނެވިއެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: “ތިބާގެ މައިންބަފައިން އެބަ ތިބިހެއްޔެވެ؟” އޭނާ އާނއެކޭ ދެންނެވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: “ފަހެ އެ ދެ މީހުންގެ ޙައްޤުގައި ތިބާ ޖިހާދުކުރާށެވެ.” މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީއެވެ.
ޖ: 1. ގާތްތިމާގެ މީހުންނަށް ޒިޔާރަތްކުރުން. އޭގެ ތެރޭގައި އަޚާއާއި އުޚްތާއާއި، ދެފުށުގެ ބޮޑުބޭބެއިންނާއި ބޮޑު ދައިތައިންނާއި އަދި އެހެނިހެން ގާތްތިމާގެ މީހުން ހިމެނެއެވެ.
2. ބަހާއި އަމަލުން އެމީހުންނަށް ހެޔޮކޮށް ހިތުމާއި އެހީތެރިވެދިނުން.
3. އެމީހުންނާ ގުޅައިގެން އެމީހުންގެ ޙާލަތާ ބެހޭގޮތުން ސުވާލުކުރުންވެސް އޭގެ ތެރޭގައި ހިމެނެއެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (ފަހެ، ތިޔަބައިމީހުން ފުރަގަސްދީ، އެނބުރި ހިނގައްޖެނަމަ (ކުރިޔެކޭ އެއްފަދައިން) ތިޔަބައިމީހުން ބިމުގައި ފަސާދަކޮށް، އަދި ތިޔަބައިމީހުންގެ ގާތްތިމާގެކަމުގެ ގުޅުންތައް ކަނޑައިފުމަށް ތިޔަބައިމީހުން ގާތްވެގެންވޭ ނޫންހެއްޔެވެ؟) [މުޙައްމަދު: 22]
އަދި ޙަދީޘްގައި ވެއެވެ: "ރަޙިމުގެ ގުޅުން ކަނޑާ މީހާ ސުވަރުގެއަށް ނުވަންނާނެއެވެ.” ރިވާކުރެއްވީ މުސްލިމެވެ.
ޖ: 1. އަހަރެން ރަނގަޅު މީހުންދެކެ ލޯބިވެ ރައްޓެހިވެގެން އުޅެމެވެ.
2. ނުބައި މީހުންނާއި ގުޅި އެކުވެރިވެގެން އުޅުމުން އަހަރެން އެއްކިބާވެ، އެކަން ދޫކޮށްލަމެވެ. ޙަދީޘްގައިވެއެވެ: "ތިބާ މުއުމިނަކާ އެކުގައި ނޫނީ ނޫޅޭށެވެ. އަދި ތަޤުވާވެރިޔަކު މެނުވީ ތިބާގެ ކާތަކެތި ކެޔަ ނުދޭށެވެ." މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީ އާއި އަބޫ ދާވޫދެެވެ.
3. އަހަރެންގެ އަޚުންނަށް ސަލާމްކޮށް އެމީހުންނާ އަތާ އަތް ޖޯޑުކުރަމެވެ. ޙަދީޘްގައިވެއެވެ: “އެއްވެސް ދެ މުސްލިމަކު ބައްދަލުވެ އަތާ އަތްޖޯޑުކޮށް ސަލާންކޮށްފިނަމަ؛ އެ ދެމީހުން ވަކިވުމުގެ ކުރިން އެކަލާނގެ އެ ދެމީހުންގެ ފާފަފުއްސަވައިގެން މެނުވީ ނުވެއެވެ." ރިވާކުރެއްވީ އަބޫ ދާވޫދާއި އައްތިރްމިޛީއެވެ.
4. އެމީހުން ބަލިވެއްޖެނަމަ އެމީހުންގެ ގާތަށް ޒިޔާރަތްކޮށް އަދި ޝިފާދެއްވުމަށް އެދި ދުޢާކުރަމެވެ.
5- ކިނބިހި އަޅައި ޙަމްދުކުރި މީހާއަށް ޖަވާބުދެމެވެ.
6. އޭނާއަށް ޒިޔާރަތް ކުރުމަށް ދަޢުވަތު ދީފިނަމަ އެ ދަޢުވަތެއް ޤަބޫލުކުރަމެވެ. ޙަދީޘްގައިވެއެވެ: "އެއް މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށް އަދާކުރަންޖެހޭ ފަސް ޙައްޤެއްވެއެވެ. އެއީ ސަލާމަށް ޖަވާބު ދިނުމާއި، ބަލިމީހާއަށް ގޮވާލަންދިއުމާއި، ޖަނާޒާގެ ފަހަތުން ދިޔުމާއި، ދަޢުވަތަށް އިޖާބަ ދިނުމާއި، ކިނބިހި އަޅައި (ޙަމްދުކޮށްފިނަމަ يرحمك الله) ކިޔުމެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
7. އަހަރެން އޭނާއަށް ނަޞޭޙަތް ދެމެވެ. ޙަދީޘްގައިވެއެވެ: “އަދި އޭނާގެ އަޚާއަށް، ރަނގަޅީ އެހެން ގޮތެއްގައިކަން އެނގޭ ކަމެއްގައި އެއާ ޚިިލާފަށް މަޝްވަރާދީފި މީހާ، ފަހެ އޭނާ ވަނީ އެ އަޚާއަށް ޚިޔާނާތްތެރިވެފައެވެ.” ރިވާކުރެއްވީ އަބޫ ދާވޫދެވެ.
8. އަނިޔާއެއް ލިބޭ ހިނދު އަހަރެން އޭނާއަށް ނަޞްރުދެމެވެ. އަދި އޭނާ އަނިޔާދިނުމުން އަހަރެން މަނާކުރަމެވެ. ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "ތިބާގެ އަޚާ އަނިޔާވެރިޔަކަށްވާ ހާލުގައްޔާއި އަދި އަނިޔާ ލިބިގެންވާ ޙާލުގައިވެސް އޭނާއަށް ނަޞްރުވެރިވާށެވެ." ދެން މީހަކު ދެންނެވިއެވެ: "އޭ اللهގެ ރަސޫލާއެވެ. އޭނާއަށް އަނިޔާ ލިބިގެންވާނަމަ އަހަރެން އޭނާއަށް ނަޞްރުދެމެވެ. ދެންފަހެ އޭނާ އަނިޔާވެރިޔައަކަށް ވާއިރު އޭނާއަށް އަހަރެން ނަޞްރުދޭނީ ކިހިނެއްހެއްޔެވެ؟" ޙަދީޘްކުރެއްވިއެވެ: "އޭނާއަށް އަނިޔާވެރިކަމަށް ހުރަސްއަޅާ މަނާކުރާނީއެވެ. ފަހެ އެއީ އޭނާއަށް ނަޞްރުވެރިވުމެވެ." ރިވާކުރެއްވީ އަލްބުޚާރީއެވެ.
9. އަހަރެންގެ އަމިއްލަ ނަފްސަށް ލޯބިވާ ކަމަކަށް އަހަރެންގެ މުސްލިމް އަޚާއަށްވެސް އަހަރެން ލޯބިކުރަމެވެ. ޙަދީޘްގައި އަނަސް رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: "ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހަކު، އޭނާގެ އަމިއްލަ ނަފްސަށް ލޯބިކުރާ ގޮތަށް އޭނާގެ އަޚާއަށް ލޯބިކޮށްފުމަށް ދާންދެން އީމާންވިކަމުގައި ނުވެއެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
10. އަހަރެންގެ އެހީތެރިކަން ބޭނުންވެއްޖެނަމަ އަހަރެން އޭނާއަށް އެހީތެރިވެދެމެވެ. ޙަދީޘްގައިވެއެވެ: "އަޅާ އޭނާގެ އަޚާއަށް އެހީތެރިވުމުގައި ވާހާހިނދެއްގައި ﷲ އެމީހަކަށް އެހީތެރިވެވޮޑިގެންވުމުގައި ދެމިވޮޑިގަންނަވައެވެ." ރިވާކުރެއްވީ މުސްލިމެވެ.
11. ބަހަކުން ނުވަތަ ޢަމަލަކުން އަހަރެން އޭނާއަށް ގެއްލުމެއް ނުދެމެވެ. ޙަދީޘްގައިވެއެވެ: “މުސްލިމަކީ އޭނާގެ ދުލާއި އަތުން އެހެން މުސްލިމުންނަށް ސަލާމަތްކަން ލިބިގެންވާ މީހެކެވެ.” މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
12. އަހަރެން އޭނާގެ ސިއްރު ފޮރުވައިދެމެވެ. ޙަދީޘްގައިވެއެވެ: “މީހަކު ވާހަކައެއް ދައްކާފައި ދެން ފަސް އެނބުރޭ ހިސާބުން ފަހެ އެއީ އަމާނާތެކެވެ.” މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީ އާއި އަބޫ ދާވޫދެެވެ.
13. އަހަރެން އޭނާއަށް ބަދުބަސްބުނެ އެއްޗެހި ނުގޮވަމެވެ. އަދި އަހަރެން އޭނާއަށް ޣީބަ ނުބުނަމެވެ. އަދި އަހަރެން އޭނާ ނިކަމެތި ނުކުރަމެވެ. އަދި އަހަރެން އޭނާއަށް ހަސަދަވެރިއެއް ނުވަމެވެ. އަދި އަހަރެން އޭނާއަށް ޖާސޫސެއް ނުކުރަމެވެ. އަދި އޭނާއަށް އޮޅުވާވެސް ނުލަމެވެ.
ޙަދީޘްގައިވެއެވެ: "އެއް މުސްލިމަކީ އަނެއް މުސްލިމާގެ އަޚާއެވެ. އޭނާ އޭނާގެ އަޚާއަށް އަނިޔާ ނުކުރާނެއެވެ. އަދި ޢަދާވާތްތެރިންގެ އަތްމައްޗަށް އޭނާ ދޫކޮށްނުލާނެއެވެ. އަދި އޭނާ ނިކަމެތިކޮށް ނުލާނެއެވެ. ތިމާގެ އަނެއް މުސްލިމް އަޚާ ނިކަމެތިކޮށްލުން، އޭނާއަށް ނުބައިކަމަކަށް ފުދެއެވެ." ރިވާކުރެއްވީ އަލްބުޚާރީ އާއި މުސްލިމެވެ.
ޖ: 1. އަވަށްޓެރިޔާއަށް ބަހާއި ޢަމަލުން އަހަރެން ހެޔޮކޮށް ހިތަމެވެ. އަދި އޭނާ އަހަރެންގެ އެހީތެރިކަމަށް ބޭނުންވެއްޖެނަމަ އަހަރެން އޭނާއަށް އެހީވަމެވެ.
2. ޢީދު، ނުވަތަ ކައިވެނި ނުވަތަ އެނޫންވެސް އުފާެވެރިކަމެއް އޭނާއަށް ވެއްޖެނަމަ އަހަރެން ތަހުނިޔާ ކިޔަމެވެ.
3. އޭނާ ބަލިވެއްޖެނަމަ އަހަރެން އޭނާއަށް ޒިޔާރަތްކުރަމެވެ. އަދި އޭނާއަށް މުޞީބާތެއް ޖެހިއްޖެނަމަ އަހަރެން ތަޢުޒިޔާ ކިޔަމެވެ.
4. އަހަރެން ތައްޔާރުކުރާ ކާބޯތަކެތި ވީވަރަކުން އޭނާއަށް ދެމެވެ.
5. ބަހަކުން ނުވަތަ ޢަމަލަކުން އަހަރެން އޭނާއަށް ގެއްލުމެއް ނުދެމެވެ.
6- އަޑުގަދަކޮށްގެން އަހަރެން އޭނާއަށް އުނދަގޫ ނުކުރަމެވެ. ނުވަތަ ޖާސޫސްކޮށްވެސް ނަހަދަމެވެ. އަދި އަހަރެން (އޭނާގެ ފުށުން އަންނަ އުނދަގޫތަކަށް) ކެތްތެރިވަމެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (ތިޔަބައިމީހުން، اللَّه އަށް އަޅުކަންކުރާށެވެ! އަދި، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާހުށިކަމެވެ! އަދި، މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި، ގާތް އަވަށްޓެރިޔާއަށާއި، ދުރު އަވަށްޓެރިޔާއަށާއި، ކައިރި އެކުވެރިޔާއަށާއި، ދަތުރުވެރިޔާއަށާއި، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތާށެވެ! ހަމަކަށަވަރުން، ތިމާގެ މޮޅުކަން ތިމާޔަށްފެނި، ބޮޑާވެގެން އުޅޭ މީހަކުކަމުގައި ވެއްޖެ މީހަކުދެކެ، اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.) [އައްނިސާއު: 36]
ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: “އޭ އަބޫ ޛައްރެވެ! ރިހަ ކައްކާއިރު، އޭގެ ފެން ގިނަކޮށް، ތިބާގެ އަވަށްޓެރިންނަށް ފޯރުކޮށް ދޭށެވެ.” ރިވާކުރެއްވީ މުސްލިމެވެ.
އަދި ނަބިއްޔާ ﷺގެ އަރިހުންވާ ޙަދީޘްގައިވެއެވެ: "ﷲ އާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ؛ ފަހެ އޭނާގެ އަވަށްޓެރިޔާ އުނދަގޫ ނުކުރާހުށިކަމެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
ޖ: 1. އެމީހަކުގެ މެހެމާންދާރީއަށް އަހަރެންނަށް ދަޢުވަތުދީފި މީހަކަށް އަހަރެން އިޖާބަދެމެވެ.
2. މީހަކަށް ޒިޔާރަތް ކުރަން ބޭނުންނަމަ އަހަރެން އޭނާގެ ހުއްދައާއި ދާންވީ ވަޤުތު އަހާ ހޯދަމެވެ.
3. ވަނުމުގެ ކުރިން އަހަރެން ހުއްދައަށް އެދެމެވެ.
4. ޒިޔާރަތްކޮށްފައި މާ ގިނައިރުކޮށް ލަސްނުކުރަމެވެ.
5. ގޭގެ އަހުލުވެރިންގެ ކިބައިން ބެލުން ތިރިކުރަމެވެ.
6. މެހެމާނަށް މަރުހަބާ ކިޔައި އެންމެ ރަނގަޅަށް އިސްތިޤުބާލުކޮށް، އުފާވެރި ހިނިތުންވެރި މޫނަކާއިގެން، އަދި މަރްޙަބާ ކިޔުމުގެ އެންމެ ރިވެތި ޢިބާރާތްތަކުން އަހަރެން އޭނާއަށް މަރުޙަބާ ކިޔަމެވެ.
7. މެހެމާނު ބައިންދަނީ އެންމެ ރަނގަޅު ތަނެއްގައެވެ.
8. ކާބޯތަކެތި ހިމެނޭ ގޮތަށް މެހެމާންދާރީ އޭނާއަށް އަދާކުރަމެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުންގެ ގެތައް ނޫން އެހެން ގެތަކަށް އެ ގެތަކުގެ އަހުލުވެރިންނަށް ސަލާމް ކޮށް އިޛްނަ ލިބިގެންފުމަށް ދާންދެން ނުވަންނާށެވެ! އެ ގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަކުރުމަށް ޓަކައެވެ.) [އައްނޫރު: 27].
ޙަދީޘްގައިވެއެވެ: “(ގެއަށް ވަންނައިރު) ހުއްދަ ހޯދަންޖެހޭ ގޮތަށް ﷲ ކަނޑައެޅުއްވީ، ބެލުން ރައްކާތެރިކުރުމުގެ ބޭނުމުގައިއެވެ.” މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
އަދި އެކަލޭގެފާނު عليه الصلاة والسلام ގެ މި ބަސްފުޅެވެ: ”ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ، ފަހެ އޭނާގެ މެހެމާނަށް ކަމޭހިތާށެވެ.“ މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
ޖ: 1. އަހަރެންނަށް ވޭނެއް އިޙްސާސް ކުރެވޭ ވަޤުތު؛ އަހަރެންގެ ކަނާތް އެތަނުގައި ބާއްވާ، ތިން ފަހަރު «بسم الله» ކިޔަމެވެ. އަދި ހަތްފަހަރު މިހެން ކިޔަމެވެ: «أعوذ بعزة الله وقدرته من شر ما أجد وأحاذر» (މާނައީ: އަހަރެންނަށް މި ފެންނަ އަދި ބިރުގަންނަ ނުބައިކަމުން ރައްކާތެރިކޮށްދެއްވުމަށް ﷲ ގެ ޢިއްޒަތާއި ޤުދުރަތްޕުޅުން އެދެމެވެ.)
2. އަދި ﷲ މިންވަރު ކުރައްވާ ކަންކަމަށް އަހަރެން ރުހި ކެތްތެރިވަމެވެ. އުންމު އަލްޢަލާއު رضي الله عنها ގެ އަރިހުން ރިވާވެގެންވާ ޙަދީޘްގައިވެއެވެ. އެކަމަނާ ވިދާޅުވިއެވެ: "އަހަރެން ބަލިވެ އުޅެނިކޮށް ﷲ ގެ ރަސޫލާ ﷺ އަހަރެންގެ ގާތަށް ޒިޔާރަތްކުރެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ: “އޭ އުންމުލް ޢަލާއު އެވެ! އުފާކުރާށެވެ! ފަހެ މުސްލިމަކު ބަލިވެއްޖެނަމަ އަލިފާނުން ރަނާއި ރިހީގެ ދަގޫ ފިލުވާލާ ގޮތަށް، ﷲ އޭނާގެ ކުށްފާފަތައް ފިއްލަވައެވެ." ރިވާކުރެއްވީ އަބޫ ދާވޫދެވެ.
3. ބަލިވެއުޅޭ އަހަރެންގެ އަޚާއަށް ޒިޔާރަތްކުރުމަށް އަހަރެން އަވަސްވެގަންނަމެވެ. އަދި އޭނާއަށް ހެޔޮދުޢާކޮށްދެމެވެ. އަދި އަހަރެން އޭނާއާއެކު މާ ގިނައިރު އިށީނދެގެން ނީންނަމެވެ.
4- އޭނާ އަހަރެންގެ ގާތުން ނޭދެނީސް އަހަރެން އޭނާއަށް ރުޤްޔާ ކޮށްދެމެވެ.
5. ކެތްތެރިވެ ދުޢާކުރުމަށާއި، އޭނާއަށް ކުޅަދާނަވީ ގޮތަކަށް ޠާހިރުވެ ނަމާދުކުރުމަށް އަހަރެން އޭނާއަށް ވަޞިއްޔަތް ކުރަމެވެ.
6. ބަލިމީހާއަށް ކޮށްދޭނެ ދުޢާ: «أسأل الله العظيم رب العرش العظيم أن يشفيك» ހަތް ފަހަރު.
(ބޮޑުވެގެންވާ ޢަރްޝުގެ ވެރި، މަތިވެރި މާތްވެގެންވާ ﷲ ތިބާއަށް ޝިފާދެއްވުމަށް އަހަރެން އެކަލާނގެ ޙަޟްރަތަށް އެދި ދަންނަވަމެވެ.)
ޖ: 1. ﷲ ޢައްޒަ ވަޖައްލައަށް ނިޔަތް އިޚްލާޞްތެރިކުރުން. ޙަދީޘްގައިވެއެވެ: “ޢިލްމުވެރިންގެ މައްޗަށް ފަޚުރުވެރިވެ މަތިވުމަށް، އަދި ބުއްދި ކޮސް މޮޔައިންނާ އަރައިރުންވެ ވާދަކުރުމަށް، އަދި މީސްތަކުންގެ މޫނުތައް އޭނާއާ ދިމާލަށް އަނބުރާލުމަށްޓަކައި ޢިލްމު އުނގެނިއްޖެ މީހާ؛ ﷲ އޭނާ ޖަހަންނަމައަށް ވައްދަވާނެތެވެ." ރިވާކުރެއްވީ އިބްނު މާޖާއެވެ.
2. އަހަރެން އުނގެނުނު ޢިލްމުގެ މައްޗަށް ޢަމަލުކުރަމެވެ. ޙަދީޘްގައިވެއެވެ: “ހަތަރު ކަމަކާމެދު ސުވާލުވެވިއްޖައުމަށް ދާންދެން، އަޅާގެ ފައިތިލަ ޤިޔާމަތް ދުވަހު ހުރިތަނުން ހިއްލައިނުލެވޭނެއެވެ. -އޭގެ ތެރޭގައި ޛިކުރުކުރެއްވިއެވެ- އަދި އޭނާގެ ޢިލްމާމެދު، އޭނާ އެއާމެދު ޢަމަލުކުރީ ކިހިނެއްތޯ ސުވާލުވެވިއްޖައުމަށް ދާންދެނެވެ." މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީ އާއި އައްދާރިމީއެވެ.
3. މުދައްރިސްގެ ޙާޟިރުގައި އަދި ނެތްތަނުގައިވެސް މުދައްރިސަށް ޤަދަރުކޮށް އިޙްތިރާމްކުރަމެވެ.
4. އަދަބުވެރިކަމާއެކު އަހަރެން އޭނާގެ ކުރިމަތީގައި އިށީންނަމެވެ.
5. އަހަރެން އޭނާގެ ވާހަކަ ރަނގަޅަށް ކަނުލައި އަޑުއަހަމެވެ. އަދި އޭނާ ފިލާވަޅު ކިޔާދޭއިރު ވާހަކަ މެދުކަނޑާ ނުލަމެވެ.
6. ސުވާލު ކުރާއިރު އަދަބުވެރިވަމެވެ.
7. އަހަރެން އޭނާއަށް އޭނާގެ ނަމުން ނުގޮވަމެވެ.
ޙަދީޘްގައިވެއެވެ: "ބޯ ނުރަވެފައިހުރި މުސްކުޅި މުސްލިމަކަށް، އަދި ޤުރްއާން އުފުލާ މީހާއަށް (އެބަހީ: ޤުރްއާން ދަސްކޮށް އުނގެނިފައި ހުރި މީހަކަށް) ކަމޭހިތާ ޤަދަރުކުރުމީ؛ ﷲ އަށް ޤަދަރުކޮށް މާތްކޮށް ހިތުމުގެ ތެރޭގައިވާ ކަމެކެވެ." ރިވާކުރެއްވީ އަބޫ ދާވޫދެވެ.
ޖ: 1. މަޖްލީހުގެ އަހުލުވެރިންނަށް އަހަރެން ސަލާމްކުރަމެވެ.
2. އަހަރެން އިށީންނަނީ މަޖްލީހުން އަހަރެންނަށް ދެވުނު ހިސާބެއްގައިއެވެ. އެއްވެސް މީހަކު އިށީންދެގެން އިންތަނުން އަހަރެން ނުނަގަމެވެ. ނުވަތަ ހުއްދަ ހޯދައިގެން މެނުވީ ދެ މީހުންގެ ދެމެދުގައި ނުއިށީންނަމެވެ.
3. އެހެން މީހުން އިށީންނަން އަހަރެން ޖާގަދީ ތަން ދައްކަމެވެ.
4. މަޖްލީހުގެ ވާހަކަ މެދުކަނޑާނުލަމެވެ.
5. މަޖްލީސް ދޫކޮށް ދިޔުމުގެ ކުރިން އަހަރެން ހުއްދަ ހޯދާ ސަލާމްކުރަމެވެ.
ފަހެ އިބްނު ޢުމަރު رضي الله عنهما ނަބިއްޔާ ﷺ ގެ އަރިހުން ރިވާކުރެއްވިއެވެ: "މީހަކު އިށީންދެގެން އިންތަނުން ތެދުކުރުމަށްފަހު، އެހެން މީހަކު އެތަނުގައި އިށީންނުން އެކަލޭގެފާނު ނަހީކުރެއްވިއެވެ. ނަމަވެސް ތިޔަބައިމީހުން ޖާގަހަދައި ތަނަވަސްކުރާށެވެ." ރިވާކުރެއްވީ އަލްބުޚާރީއެވެ.
ޙަދީޘްގައިވެއެވެ: “ތިޔަބައިމީހުންގެ ތެރެއިން މީހަކު މަޖްލީހަށް އަތުވެއްޖެނަމަ ސަލާމް ގޮވާށެވެ. ދެން އޭނާ ތެދުވެގެން ދާން ޤަޞްދުކުރާހިނދުވެސް ސަލާމްކުރާހުށިކަމެވެ. ފަހެ ފުރަތަމަ ސަލާމް ވަކި ފަހު ސަލާމަށްވުރެ ޙައްޤުކަން ބޮޑެއް ނޫނެވެ." މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީ އާއި އަބޫ ދާވޫދެެވެ.
6. މަޖިލިސް ނިމުމުން އަހަރެން މަޖްލީހުގެ ކައްފާރާ ދުޢާ ކިޔަމެވެ. އެއީ: «سبحانك اللهم وبحمدك، أشهد أن لا إله إلا أنت، أستغفرك وأتوب إليك».
(އިބައިލާހު ހުސްޠާހިރުވަންތައެވެ. އޭ ﷲ އެވެ. އިބައިލާހަށް ޙަމްދުކުރުމާ އެކުގައިއެވެ. އިބައިލާހު ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ. އިބައިލާހުގެ ޙަޟްރަތުން އަޅު ފާފަފުއްސެވުމަށް އެދެމެވެ. އަދި އިބައިލާހަށް ތައުބާވަމެވެ.)
ޖ: 1. އަހަރެން އަވަހަށް ނިދަމެވެ. އެއީ މި ޙަދީޘަށްޓަކައިއެވެ: އަބޫ ބަރްޒާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ: ﷲ ގެ ރަސޫލާ ﷺ ޢިޝާ ނަމާދުގެ ކުރިން ނިދުމަށާއި، އޭގެ ފަހުން ވާހަކަދެއްކުމަށް ނުރުހިވަޑައިގަންނަވައެވެ." ރިވާކުރެއްވީ އަލްބުޚާރީއެވެ.
2. އަހަރެން ނިދަނީ ޠާހިރުކަންމަތީގައެވެ.
3. އަހަރެން ބަނޑުދަށަށް އޮވެގެން ނުނިދަމެވެ.
4- އަހަރެން ނިދަނީ ކަނާތު ފަޅިއަށެވެ. އަދި އަހަރެންގެ ކަނާތް އަހަރެންގެ ކަނާތު ކޯތާފަތް ދަށުގައި ބާއްވަމެވެ.
5- އަހަރެންގެ ތަންމަތި ފޮޅަމެވެ.
ޙަދީޘްގައިވެއެވެ: އަލްބަރާއު ބްނު ޢާޒިބު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ: ވިދާޅުވިއެވެ: ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: "ތިބާގެ ތަންމައްޗަށް ތިބާ އަތުވެއްޖެނަމަ؛ ފަހެ ނަމާދަށް ވުޟޫކުރާ ގޮތަށް ވުޟޫކުރާށެވެ. ދެން ތިބާގެ ކަނާތް ފަޅިއަށް އޮށޯންނާށެވެ." ރިވާކުރެއްވީ އަލްބުޚާރީއެވެ.
އަދި އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ ﷺ އަށް މީހަކު ބަންޑުން އޮއްވާ ފެނިވަޑައިގެން ޙަދީޘްކުރެއްވިއެވެ: "ހަމަކަށަވަރުން މިއީ ﷲ ލޯބިވެވޮޑިގެން ނުވާ އޮށޯތުމެކެވެ." މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީ އަދި އަޙްމަދެވެ.
އަދިވެސް ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: "ތިޔަބައިމީހުންކުރެ މީހަކު ތަންމައްޗަށް ގޮސްފިނަމަ؛ ފަހެ އޭނާގެ ހެދުމުގެ އެތެރެބައިން ތަންމަތި ފޮޅާލާހުށިކަމެވެ. އެހެނީ އޭނާ އެތަނަށް (ކުރީ ރޭ) ފަހަތަށް ދޫކޮށްފައި ދިޔައީ ކޮން އެއްޗެއްކަން ނޭނގެއެވެ." ރިވާކުރެއްވީ އަލްބުޚާރީއެވެ.
6. ނިދުމުގެ ޛިކުރުތައް ކަމުގައިވާ: އާޔަތުލް ކުރްސީ، ސޫރަތުލް އިޚްލާސް، އަދި އަލްމުޢައްވިޛަތައިނި (ފަލަޤި ނާސް ސޫރަތް) ތިން ފަހަރު ކިޔަވަމެވެ. އަދި އަހަރެން މިހެން ކިޔަމެވެ: «باسمك اللهم أموت وأحيا».
"އޭ ﷲ އެވެ! މިއަޅާ މަރުވަނީ އަދި މިއަޅާ ދިރެނީވެސް އިބަ އިލާހުގެ އިސްމުފުޅުންނެވެ."
7. ފަތިސް ނަމާދަށް އަހަރެން ހޭލަމެވެ.
8. އަދި ހޭލުމަށްފަހު އަހަރެން މިހެން ކިޔަމެވެ: «الحمد لله الذي أحيانا بعدما أماتنا وإليه النشور».
(އަހަރުމެން މަރުގެންނެވުމަށް ފަހު ދިރުއްވި ﷲ އަށް ޙަމްދުހުއްޓެވެ. އަދި އެނބުރި ދިޔުންވަނީ އެކަލާނގެ ޙަޟްރަތަށެވެ.)
ޖ: 1. ކެއުމާއި ބުއިމުން އަހަރެން ނިޔަތް ގަންނަނީ ﷲ ޢައްޒަ ވަޖައްލައަށް ކިޔަމަންތެރިވެ ހެޔޮ ޢަމަލުކުރުމަށް ނަފްސު ވަރުގަދަކުރުމެވެ.
2. ކެއުމުގެ ކުރިން ދެ އަތްދޮވުން.
އެއީ އުންމުލް މުއުމިނީން، ޢާއިޝާ رضي الله عنها ގެ ޙަދީޘަށްޓަކައިއެވެ: ﷲ ގެ ރަސޫލާ ﷺ: "އެކަލޭގެފާނު ފަރީއްކުޅުވުމަށް އަދި ބުއިން ހިއްޕެވުމަށް ޤަޞްދުކުރައްވާހިނދު؛ ދެ އަތްޕުޅު ދޮންނަވައެވެ. ދެން ފަރީއްކުޅުވާ، ހިއްޕަވައެވެ." ރިވާކުރެއްވީ އަޙްމަދެވެ.
3. އަހަރެން "بسم الله" ކިޔަމެވެ. އަދި އަހަރެން ކަނީ އަހަރެންގެ ކަނާތުން، އަދި އަހަރެންނާ ގާތަށްވީ ފަޅިން ކަމެވެ. އަދި ތަށީގެ މެދުތެރެއިން، ނުވަތަ އެހެން މީހުންގެ ކުރިމަތީގައި ހުރި ކާތަކެތި ނުކަމެވެ.
އެއީ މި ޙަދީޘަށްޓަކައިއެވެ: “އޭ ކޮއެފުޅާއެވެ! ﷲ ގެ އިސްމުފުޅު ގަނެ ބިސްމި ކިޔާށެވެ. އަދި ތިބާގެ ކަނާތުން ކާށެވެ. އަދި ތިބާއާ ކައިރީގައިވީ ފަޅިން ކާށެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
4. ބިސްމި ކިޔަން ހަނދާން ނެތިއްޖެނަމަ އަހަރެން މިހެން ކިޔަމެވެ: " بسم الله أوله وآخره ".
އެއީ އުންމުލް މުއުމިނީން، ޢާއިޝާ رضي الله عنها ގެ ޙަދީޘަށްޓަކައިއެވެ. އެކަމަނާ ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: “ތިޔަބައިމީހުންގެ ތެރެއިން މީހަކު ކާއެއްޗެއް ކާނަމަ، باسم الله ކިޔާށެވެ. އަދި ފަށައިގަތުމުގައި އެހެން ކިޔަން ހަނދާންނެތިއްޖެނަމަ، باسم الله في أوله وآخره ކިޔާށެވެ.” މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީ އަދި އަޙްމަދެވެ.
5- ލިބިފައިވާ ކާނާއަށް އަހަރެން ރުހެމެވެ. އަދި ކާބޯތަކެއްޗަށް ފާޑުނުކިޔަމެވެ. އަހަރެންނަށް ކަމުދާނަމަ ކަމެވެ. ކަމުނުދާނަމަ ދޫކޮށްލަމެވެ.
އެއީ އަބޫ ހުރައިރާ رضي الله عنه ގެ ޙަދީޘަށްޓަކައިއެވެ. ވިދާޅުވިއެވެ: "ނަބިއްޔާ ﷺ ދުވަހަކުވެސް ކާއެއްޗަކަށް ޢައިބެއް ވިދާޅެއްނުވެއެވެ. އެކަލޭގެފާނު އެ އެއްޗަކަށް ހިތްޕުޅު ހަމަޖެހޭނަމަ ފަރީކުޅުއްވައެވެ. ނޫންނަމަ ދޫކޮށްލައްވައެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
6. އަހަރެން ކަނީ މަދު ސުވާކޮޅެކެވެ. އަދި އެހާ ގިނައިން ނުކަމެވެ.
ޙަދީޘްގައިވެއެވެ: “އާދަމުގެ ދަރިޔާ، ބަނޑަށް ވުރެ ނުބައި ކަންވާރެއް ނުފުރައެވެ. އާދަމުގެ ދަރިޔާގެ މައިބަދަ ސީދާކޮށްލެވޭ ވަރަށް ސުވާކޮޅެއް އޭނާއަށް ފުދިގެންވެއެވެ. ދެން ނަފްސު، އާދަމުގެެ ދަރިޔާގެ މައްޗަށް ގަދަވެ (އެވަރުން ހިތްހަމަ ނުޖެހި އިތުރުކުރަން ބޭނުންވެއްޖެނަމަ)، ފަހެ ކެއުމަށް ތިންބައިކުޅަ އެއްބައެވެ. އަދި ބުއިމަށް ތިންބައިކުޅަ އެއްބައެވެ. އަދި ނޭވާލުމަށް ތިންބައިކުޅަ އެއްބައެވެ." މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީ އަދި އިބްނު މާޖާއެވެ.
7. ކާތަކެއްޗަށް ނުވަތަ ބުއިންތަކަށް އަހަރެން ނުފުމެވެ. ހިހޫވާންދެން އަހަރެން އެ ބަހައްޓަނީއެވެ.
ޙަދީޘްގައިވެއެވެ: "ކާބޯތަކެއްޗަށް ފުމުން، ﷲ ގެ ރަސޫލާ ﷺ ނަހީކުރެއްވިއެވެ." ރިވާކުރެއްވީ އަޙްމަދު އަދި އިބްނު މާޖާއެވެ.
8. ކެއުމުގައި އަހަރެން އެހެން މީހުންނާ އެއްތަންވަމެވެ. ޢާއިލާ ނުވަތަ މެހުމާނަކު ބައިވެރިކޮށްގެންނެވެ.
މީހަކު ނަބިއްޔާ ﷺ އަށް ދެންނެވިއެވެ: "އަހަރުމެން ކައިކައިވެސް ބަނޑެއް ނުފުރެއެވެ." އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "ފަހަރެއްގައި ތިޔަބައިމީހުން ކަނީ ވަކިވަކިން ތިބެގެންކަމަށް ވެދާނެއެވެ. ތިޔަބައިމީހުން ކާބޯތަކެއްޗަށް ޖަމާޢަތް ހަދާފައި އެއްތަންވާށެވެ. އަދި ﷲ ތަޢާލާގެ އިސްމުފުޅު އޭގެ މައްޗަށް ނަންގަަންނާށެވެ. އޭރުން ތިޔަބައިމީހުންނަށްޓަކައި އޭގައި ބަރަކާތް ލެއްވޭނެއެވެ." ރިވާކުރެއްވީ އަބޫ ދާވޫދާއި އިބްނު މާޖާއެވެ.
9. އަހަރެންނަށް ވުރެ ޢުމުރުން ދުވަސްވީ އެހެން މީހެއްގެ ކުރިން އަހަރެން ކާން ނުފަށަމެވެ.
10. އަހަރެން ބޯއިރު ﷲ ގެ އިސްމުފުޅު ކިޔަމެވެ. އަދި އަހަރެން ބޮނީ އިށީންދެގެން އިނދެ، ތިންފަހަރު މަތިންނެވެ. އަދި ތަށީތެރެއަށް އަހަރެން ނޭވާ ނުލަމެވެ.
އެއީ މި ޙަދީޘަށްޓަކައިއެވެ: “ތިޔަބައިމީހުންގެ ތެރެއިން މީހަކު ބޯނަމަ،ފަހެ ކަންވާރު ތެރެއަށް ނޭވާ ނުލާށެވެ.” މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
އަދި އަނަސް رضي الله عنه ގެ ޙަދީޘަށްޓަކައިއެވެ: "ނަބިއްޔާ ﷺ، ކޮޅަށްހުރެގެން ބުއިން މަނާކުރެއްވިއެވެ." ރިވާކުރެއްވީ މުސްލިމެވެ.
އަދި މި ޙަދީޘަށްޓަކައިއެވެ: "ﷲ ގެ ރަސޫލާ ﷺ ބުއިން ހިއްޕަވަނީ ތިން ނޭވާއިންނެވެ." ރިވާކުރެއްވީ މުސްލިމެވެ.
11. އަހަރެން ކެއުން ނުވަތަ ބުއިން ނިމުމުން ﷲ އަށް ޙަމްދުކުރަމެވެ.
ޙަދީޘްގައިވެއެވެ: “ކާއެއްޗެއް ކައިގެން އެކަމުގެ މައްޗަށް ﷲ އަށް ޙަމްދުކުރުމަށް، ނުވަތަ ބުއިމެއް ބޮއެ އެކަމުގެ މައްޗަށް އެކަލާނގެއަށް ޙަމްދު ކުރުމަށް، އަޅާއަށް އެކަލާނގެ ރުއްސަވަތެވެ." ރިވާކުރެއްވީ މުސްލިމެވެ.
ޖ: 1. އަހަރެންގެ ހެދުން އަޅަން ފަށަނީ ކަނާތްފަޅީންނެވެ. އެކަމަށްޓަކައި الله އަށް ޙަމްދުކުރަމެވެ.
އެއީ އަބޫ ހުރައިރާ رضي الله عنه ގެ ޙަދީޘަށްޓަކައިއެވެ. ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "ތިޔަބައިމީހުން ހެދުންލާއިރު، އަދި ތިޔަބައިމީހުން ވުޟޫކުރާއިރު؛ ތިޔަބައިމީހުންގެ ކަނާތްފަޅިން ފަށާހުށިކަމެވެ." ރިވާކުރެއްވީ އަބޫ ދާވޫދާއި އަޙްމަދެވެ.
2- ދެ ތަނބިކަށިން ތިރިއަށްދާ ގޮތަށް އަހަރެން ހެދުން ދިގު ނުކުރަމެވެ.
ޙަދީޘްގައިވެއެވެ: "އިޒާރުން (އުނަގަނޑުން ތިރިއަށް ހުންނަ ހެދުމުން)، ދެ ތަނބިކަށިން ތިރިއަށް ހުންނަބައި ވަނީ ފަހެ ނަރަކާގައިއެވެ." ރިވާކުރެއްވީ އަލްބުޚާރީއެވެ. الكعبان (ދެ ތަނބިކަށްޓަކީ): ފައިތިލައިގެ ދެ ފަރާތުން ނިކުމެފައިވާ ދެ ކަށިގަނޑެވެ.
3. ފިރިހެން ކުދިން އަންހެން ކުދިންގެ ހެދުން ލައިގެން ނުވާނެއެވެ. އަދި އަންހެން ކުދިން ފިރިހެން ކުދިންގެ ހެދުން ލައިގެން ނުވާނެއެވެ.
ޙަދީޘްގައިވެއެވެ: “އަންހެނުންގެ ހެދުން އަޅާ ފިރިހެނާއާއި، ފިރިހެނުންގެ ހެދުން އަޅާ އަންހެނާއަށް ﷲ ގެރަސޫލާ ﷺ ލަޢުނަތް ލެއްވިއެވެ.” ރިވާކުރެއްވީ އަބޫ ދާވޫދާއި އަޙްމަދެވެ.
4. ކާފަރުން ނުވަތަ ފާސިޤުން ލައިއުޅޭ ހެދުމާ އެއްގޮތް ނުވުމެވެ.
އެއީ މި ޙަދީޘަށްޓަކައިއެވެ: "ބަޔަކު މީހުންނާ ވައްތަރުވެއްޖެ މީހާވަނީ ފަހެ އެބަޔަކުގެ ތެރެއިންނެވެ." ރިވާކުރެއްވީ އަބޫ ދާވޫދެވެ.
5. ހެދުން ބާލާއިރު ބިސްމި ކިޔުމެވެ.
ޙަދީޘްގައިވެއެވެ: "އާދަމުގެ ދަރީންގެ ޢައުރަތަކާއި، ޖިންނީންނާ ދެމެދުވާ ނިިވަލަކީ: ތިޔަބައިމީހުންކުރެ މީހަކު ހެދުން ބާލާއިރު ބިސްމި ﷲ ކިޔުމެވެ." ރިވާކުރެއްވީ އައްޠަބަރާނީ އަދި އިބްނު އަބީ ޝައިބާއެވެ.
6. ފައިވާނަށް އަރާއިރު ފުރަތަމަ ކަނާތު ކިބައަށް އެރުމެވެ. އަދި ބާލާއިރު ފުރަތަމަ ވައަތު ކިބަ ބޭލުމެވެ.
އެއީ އުންމުލް މުއުމިނީން، ޢާއިޝާ رضي الله عنها ގެ ޙަދީޘަށްޓަކައިއެވެ. އެކަމަނާ ވިދާޅުވިއެވެ: "ނަބިއްޔާ ﷺ، ފައިވާން ތުރުކުރެއްވުމާއި، ފުނާއެޅުއްވުމާއި، ޠާހިރުވެލެއްވުމުގައި، އަދި އެކަލޭގެފާނުގެ ހުރިހާ ކަމެއްގައިވެސް ކަނާތްފަރާތް އިސްކުރައްވަން ލޯބިކުރައްވާ ހިތްޕުޅާކުރައްވައެވެ." ރިވާކުރެއްވީ އަލްބުޚާރީއެވެ.
ޖ: 1. އަހަރެން (ސަވާރުވާހިނދު) «بسم الله، الحمد لله» ބުނަމެވެ، ﴿سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ.
(މިސަވާރީ ކިޔަމަންތެރިކުރެވޭ ބަޔެއްކަމުގައި އަޅަމެން ނުވާ ޙާލު މިސަވާރީ އަޅަމެންނަށް ކިޔަމަންތެރިކޮށްދެއްވި ފަރާތުގެ ޙުސްޠާހިރުވަންތަކަމާއެވެ!) وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ.﴾
(އަދި އަޅަމެން އެނބުރި ދިޔުންވަނީ އަޅަމެންގެ ރައްބުގެ ޙަޟްރަތަށެވެ.) [އައްޒުޚްރުފު: 13-14]
2. އަހަރެން މުސްލިމެއްގެ ކައިރިން ލާފައި ދާއިރު؛ އެމީހާއަށް ސަލާމް ކުރަމެވެ.
ޖ: 1. އަހަރެންގެ ހިނގުމުގައި މެދުމިންވެ، ހިތްތިރިކޮށް ތަވާޟަޢުވެރިވަމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (އަދި ތިބާ، ބޮޑާވެގެން ބިމުގައި ހިނގައިނޫޅޭށެވެ! ހަމަކަށަވަރުން، ތިބާޔަކަށް ބިންގަނޑު ފޫވައްޓައެއް ނުލެވޭނެތެވެ. އަދި ފަރުބަދަތަކާ ހަމަޔަށް ދިގުވެގެންވެސް ތިބާޔަކަށް ނުދެވޭނެތެވެ.) [އަލްއިސްރާއު: 37]
2. އަހަރެންނާ ސަލާމްކުރާ މީހަކަށް ސަލާމްކުރަމެވެ.
ނަބިއްޔާ ﷺ އާ ސުވާލުކުރެވުނެވެ: "އިސްލާމްކަމުން އެންމެ ހެޔޮވެގެންވަނީ ކޮންކަމެއްތޯއެވެ؟" ޙަދީޘްކުރެއްވިއެވެ: “ތިބާ މީސްތަކުންނަށް ކާންދިނުމެވެ. އަދި ތިބާ ދަންނަ މީހުންނާއި ނުދަންނަ މީހުންނާވެސް ސަލާމްކުރުމެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
3. އަހަރެންގެ ބެލުން ތިރިކުރަމެވެ. އަދި އެއްވެސް މީހަކަށް ގެއްލުމެއް ނުދެމެވެ.
4. އަހަރެން ހެޔޮ ކަންކަމަށް އަމުރުކޮށް، ނުބައި ކަންކަން މަނާކުރަމެވެ. ނަބިއްޔާ ﷺގެ އަރިހުންވާ ޙަދީޘްގައިވެއެވެ: “ފަހެ މަގަށް އޭގެ ޙައްޤު ތިޔަބައިމީހުން ދޭށެވެ." އެބޭކަލުން ދެންނެވިއެވެ: "މަގުގެ ޙައްޤަކީ ކޮބައިތޯއެވެ؟" ޙަދީޘްކުރެއްވިއެވެ: "ބެލުން ތިރިކުރުމާއި، އުނދަގޫކުރުމުން ދުރުވުމާއި، ސަލާމަށް ޖަވާބުދިނުމާއި، ހެޔޮކަމަށް އަމުރުކުރުމާއި، މުންކަރާތް ނަހީކުރުމެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
5. މަގުގައި ހުންނަ އުނދަގޫވާ ކަހަލަ ތަކެތި އަހަރެން އެއްފަރާތްކުރަމެވެ.
ޙަދީޘްގައިވެއެވެ: “މަގުމަތިން ގެއްލުން ހުރި އެއްޗެހި ދުރުކުރުމަކީ ޞަދަޤާތެކެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
ޖ: 1. އަހަރެން ނިކުންނަނީ ވާތު ފައިތިލަ އަޅަމުންނެވެ. އަދި މިހެން ކިޔަމެވެ: «بسم الله، توكلت على الله، لا حول ولا قوة إلا بالله، اللهم إني أعوذ بك أن أضل أو أضل، أو أزل أو أزل، أو أظلم أو أظلم، أو أجهل أو يجهل عليَّ».
(الله ގެ ނަންފުޅުން އަޅު ފަށަމެވެ. الله އަށް ހުރިހާ ކަމެއް އަޅު ހަވާލުކޮށް ވަކީލުކުރަމެވެ. އެއްވެސް އާރަކާއި ބާރެއް ﷲ ގެ ޙަޟްރަތުން މެނުވީ ނުވެއެވެ. އޭ ﷲ އެވެ! ހަމަކަށަވަރުން (އެހެން މީހުން) މަގުފުރެއްދުމުން ނުވަތަ މަގުފުރެދިގެން ދިއުމުން، ނުވަތަ ކައްސުވާލުމާއި ނުވަތަ ކައްސާލެވުމުން، ނުވަތަ އަނިޔާވެރިވުމުން ނުވަތަ އަނިޔާ ލިބުމުން، ނުވަތަ ޖާހިލުކޮށް އުޅުމާއި ނުވަތަ މިއަޅާއާ ދެކޮޅަށް ޖާހިލުކޮށް ކަންތައް ކުރެވުމުން އިބައިލާހުގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ.)
2. އަހަރެން ގެއަށް ވަންނަނީ ކަނާތު ފައި އިސްކުރަމުންނެވެ. އަދި މިހެން ކިޔަމެވެ: «بسم الله ولجنا، وبسم الله خرجنا، وعلى ربنا توكلنا».
(ﷲ އިސްމުފުޅުން އަހަރުމެން ވަންނަމެވެ. އަދި ﷲ ގެ އިސްމުފުޅުން އަހަރުމެން ނިކުންނަމެވެ. އަދި އަހަރުމެންގެ ވެރި ރައްބަށް އަހަރުމެން ވަކީލުކުރަމެވެ.)
3. އަދި އަހަރެން ފަށަނީ ސިވާކުކޮށް ދަތް އުނގުޅައިގެންނެވެ. ދެން ގޭގެ އަހުލުވެރިންނާ ސަލާމްކުރަމެވެ.
ޙަދީޘްގައިވެއެވެ: “އެކަލޭގެފާނު ގެއަށް ވަދެވަޑައިގެންފިނަމަ ފައްޓަވަނީ ސިވާކުކޮށް ދަތް އުނގުޅުއްވުމުންނެވެ." ރިވާކުރެއްވީ އިބްނު މާޖާއެވެ.
ޖ: 1. އަހަރެން ޤަޟާ ޙާޖާކުރަން ވަންނަނީ ވާތު ފައި އިސްކޮށްގެންނެވެ.
2. އަދި ވަނުމުގެ ކުރިން އަހަރެން މިހެން ކިޔަމެވެ: «بسم الله، اللهم إني أعوذ بك من الخبث والخبائث».
(ﷲ ގެ ނަންފުޅުންނެވެ. އޭ ﷲ އެވެ. ފިރިހެން ޝައިޠާނުންނާއި އަންހެން ޝައިޠާނުންގެ ކިބައިން ރައްކާތެރިކޮށްދެއްވުމަށް އިބަ އިލާހުގެ ޙަޟްރަތަށް އެދިދަންނަވަމެވެ.)
3. ﷲ ގެ ޛިކުރު ހިމެނޭ އެއްވެސް އެއްޗެއް އަހަރެން އެތަނަށް ނުވައްދަމެވެ.
އަނަސް رضي الله عنه ވިދާޅުވިކަމަށް ރިވާވެގެންވެއެވެ: “ނަބިއްޔާ ﷺ ފާޚާނާއަށް ވަދެވަޑައިގަންނަވާ ހިނދު އަނގޮޓިފުޅު ނަންގަވައެވެ.” ރިވާކުރެއްވީ އަބޫ ދާވޫދާއި އިބްނު މާޖާއެވެ.
4. ޤަޟާ ޙާޖާކުރާ ޙާލަތުގައި އަހަރެން ނިވާވެ ފަރުދާވަމެވެ.
ޙަދީޘްގައިވެއެވެ: "ﷲ ގެ ރަސޫލާ ﷺޤަ ޟާޙާޖާ ކުރައްވާއިރު ނިވާވުމަށް ބޭނުންކުރައްވަން އެންމެ ލޯބިކުރައްވަނީ: ބިމުން އުފުލިފައި ހުންނަ ބައެއް ނުވަތަ ކަދުރު ރުއްގަނޑެކެވެ." ރިވާކުރެއްވީ މުސްލިމެވެ.
5. ޤަޟާ ޙާޖާކުރާ ތަނުގައި އަހަރެން ވާހަކައެއް ނުދައްކަމެވެ.
6. ކުޑަކަމުދާއިރު ނުވަތަ ބޮޑުކަމުދާއިރު، ޤިބްލާއަށް ކުރިމަތިލައިގެން އަދި ފުރަގަސްދީގެންވެސް އަހަރެން ނުއިންނަމެވެ.
އެއީ ނަބިއްޔާ ﷺ ގެ ޙަދީޘަށްޓަކައިއެވެ: “ބޮޑުކަމުދާއިރު ނުވަތަ ކުޑަކަމުދާއިރު ޤިބްލާއާ ކުރިމަތި ނުލާށެވެ. ނަމަވެސް އިރުމަތީ ފަރާތަށް ނުވަތަ ހުޅަނގަށް ކުރިމަތިލާށެވެ.” މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
7. ނަޖިސް ފިލުވާލުމަށް އަހަރެން ބޭނުންކުރަނީ ވައަތެވެ. އަދި ކަނާތް ބޭނުން ނުކުރަމެވެ.
އެއީ މި ޙަދީޘަށްޓަކައިއެވެ: "އަހަރުމެންގެ ކަނާތުން އިސްތިންޖާކުރުން އެކަލޭގެފާނު އަހަރުމެންނަށް ނަހީކުރެއްވިއެވެ.." ރިވާކުރެއްވީ މުސްލިމެވެ.
8. މީހުން ހިނގާބިގާވާ މަގުގައި ނުވަތަ އެމީހުންގެ ހިޔަލުގައި އަހަރެން ޤަޟާޙާޖާ ނުކުރަމެވެ.
އެއީ އަބޫ ހުރައިރާ رضي الله عنه ގެ ޙަދީޘަށްޓަކައިއެވެ.: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "ލަޢުނަތް ލިބޭ ދެ ކަންތަކާމެދު ތިޔަބައިމީހުން ބިރުވެތިވެ އެއްކިބާވާށެވެ." އެބޭކަލުން ދެންނެވިއެވެ: "އޭ ﷲ ގެ ރަސޫލާއެވެ! ލަޢުނަތް ލިބޭ ދެކަމަކީ ކޮބައިތޯއެވެ؟" ޙަދީޘްކުރެއްވިއެވެ: "މީސްތަކުންގެ މަގުގައި، ނުވަތަ އެމީހުންގެ ހިޔަލުގައި ޤަޟާޙާޖާކުރާ މީހާއެވެ." ރިވާކުރެއްވީ މުސްލިމެވެ.
9. ޤަޟާ ޙާޖާކުރުމަށްފަހު އަހަރެންގެ އަތް ދޮންނަމެވެ. އެއީ ޖަރީރު رضي الله عنه ގެ ޙަދީޘަށްްޓަކައިއެވެ: (ވިދާޅުވިއެވެ) "އަހަރެން ނަބިއްޔާ ﷺ އާއެކު ހުރީމެވެ. ދެން އެކަލޭގެފާނު ގިފިއްޔަށް ވަޑައިގެން ޤަޟާ ޙާޖާކުރެއްވިއެވެ. ދެން ޙަދީޘްކުރެއްވިއެވެ: "އޭ ޖަރީރެވެ! ޠާހިރު ފެން ގެންނާށެވެ!" ދެން އަހަރެން އެކަލޭގެފާނުގެ އަރިހަށް ފެން ގެނެސްދިނީމެވެ. ދެން އެކަލޭގެފާނު ފެނުން އިސްތިންޖާކުރެއްވިއެވެ. އަދި އެކަލޭގެފާނު އަތްޕުޅުން، ބިމުގައި އުނގުޅާލެއްވިއެވެ." ރިވާކުރެއްވީ އައްނަސާއީއެވެ.
10. އަހަރެން ނިކުންނައިރު ވާތުފައި އިސްކުރަމެވެ. އަދި «غفرانك» މިހެން ކިޔަމެވެ.
ޖ: 1. އަހަރެން މިސްކިތަށް ވަންނަނީ ކަނާތު ފައި އިސްކޮށްގެންނެވެ. އަދި މިހެން ކިޔަމެވެ: «بسم الله، اللهم افتح لي أبواب رحمتك».
(ﷲ ގެ އިސްމުފުޅުން އަޅު ވަންނަމެވެ. އޭ ﷲ އެވެ! އިބަ އިލާހުގެ ރަޙުމަތުގެ ދޮރުކޮޅުތައް މިއަޅާއަށްޓަކައި ހުޅުވާދެއްވާށިއެވެ.)
2. ދެ ރަކުޢަތް ނަމާދެއް ނުކޮށް އަހަރެން ނުއިށީންނަމެވެ.
އެއީ މި ޙަދީޘަށްޓަކައިއެވެ: “ތިޔަބައިމީހުންގެ ތެރެއިން މީހަކު މިސްކިތަށް ވަދެއްޖެނަމަ ދެ ރަކުޢަތް ކޮށްފުމަށް ދާންދެން ނުއިށީންނަހުށިކަމެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
3. ނަމާދުކުރަންތިބި މީހުންގެ ކުރިމަތިން އަހަރެން ހުރަސް ނުކުރަމެވެ. ނުވަތަ ގެއްލިފައިވާ އެއްޗެއް ހޯދަން މިސްކިތުގައި އިޢުލާނު ނުކުރަމެވެ. ނުވަތަ މިސްކިތުގައި ގަނެވިއްކާ ނުހަދަމެވެ. އެކަލޭގެފާނު عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ: “ނަމާދުކުރާ މީހެއްގެ ކުރިމަތިން ހުރަސްކުރާ މީހަކަށް އޭނާއަށް ހުރި ކަންތައް އެނގޭނަމަ އޭނާގެ ކުރިމަތިން ހުރަސްކުރުމަށްވުރެ ސާޅީސް ވަންދެން ހުއްޓިހުރުންވެސް މާ ރަނގަޅުވީހެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
އަދި ﷲ ގެ ރަސޫލާ ﷺ ގެ މި ބަސްފުޅެވެ: “ގެއްލިފައިވާ އެއްޗެއް ހޯދަން މިސްކިތުގައި އިޢުލާނުކުރާ މީހާގެ އަޑުއަހައިފި މީހާ އޭނާއަށް ބުނާހުށިކަމެވެ: "ﷲ އެ އެއްޗެއް ތިބާއަށް ރައްދު ނުކުރައްވާށިއެވެ." ފަހެ މިސްކިތްތަށް ބިނާކުރެވުނީ މި ކަމަށްޓަކައިއެއް ނޫނެވެ." ރިވާކުރެއްވީ މުސްލިމެވެ.
އަދި ޙަދީޘްގައި ވެއެވެ: “މިސްކިތުގައި މީހަކު ވިއްކާތަން ނުވަތަ ގަންނަތަން ތިޔަބައިމީހުންނަށް ފެނިއްޖެނަމަ ބުނާށެވެ: ކަލޭގެ ވިޔަފާރިން ﷲ ފައިދާއެއް ނުކުރައްވާށިއެވެ.” މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީ އާއި އައްދާރިމީއެވެ.
4. މިސްކިތުގެ ސާފުތާހިރުކަމަށް އަހަރެން ފަރުވާތެރިވަމެވެ.
އުންމުލް މުއުމިނީން، ޢާއިޝާ رضي الله عنها ގެ އަރިހުންވާ ޙަދީޘްގައިވެއެވެ: އެކަމަނާ ވިދާޅުވިއެވެ: "ގޭގޭގައި މިސްކިތްތައް ބިނާކުރެވުމަށާއި، އެ ތަންތަން ސާފުކޮށް، ހުވަނދުލާ މީރުވަސްދުއްވުމަށް ﷲ ގެ ރަސޫލާ ﷺ އަމުރުކުރެއްވިއެވެ." މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީ އާއި އަބޫ ދާވޫދާއި އަޙްމަދެވެ.
5. އަހަރެން މިސްކިތުން ނިކުންނަނީ ވާއަތު ފައި އިސްކޮށްގެންނެވެ. އަދި މިހެން ބުނަމެވެ: «اللهم إني أسألك من فضلك».
"އޭ ﷲ އެވެ! އިބައިލާހުގެ ފަޟްވަންތަކަން ދެއްވުމަށް މިއަޅާ އެދި ދަންނަވަމެވެ."
ޖ: 1. އަހަރެންނާ މުސްލިމަކާ ބައްދަލުވުމުން އަހަރެން އިސްވެ ސަލާމްކުރަމެވެ. އެއީ މިހެންނެވެ: «السلام عليكم ورحمة الله وبركاته» ސަލާމްކުރުން ނޫން ކަމަކުން ނުފެށެއެވެ. އަދި ހަމައެކަނި އަހަރެންގެ އަތުން އިޝާރާތްވެސް ކޮށްނުލަމެވެ.
2. އަހަރެން ސަލާމް ކުރާ މީހާގެ މޫނުމަތީ ހިނިތުންވަމެވެ. ޙަދީޘްގައިވެއެވެ: "ހެޔޮކަމުން އެއްވެސް ކަމެއް ތިބާ ދަށްކޮށްނުލާށެވެ. އެއީ ތިބާގެ އަޚާއާ އުފާވެރި މޫނަކާގެން ބައްދަލުކުރުންވިޔަސްމެއެވެ." ރިވާކުރެއްވީ މުސްލިމެވެ.
3. އަދި އަހަރެންގެ ކަނާތުން އޭނާއާ އަތާ އަތްޖޯޑުކުރަމެވެ.
4. މީހަކު އަހަރެންނާ ސަލާމްކޮށްފިނަމަ، އެއަށްވުރެ ރަނގަޅު ސަލާމަކުން، ނުވަތަ އެފަދަ ސަލާމަކުން ޖަވާބުދެމެވެ.
އެއީ އެކަލާނގެ މިބަސްފުޅަށްޓަކައިއެވެ: (އަދި ތިޔަބައިމީހުންނަށް ސަލާމަކުން ސަލާމްކުރެވިއްޖެ ނަމަ، ފަހެ އެ އަށްވުރެ ރަނގަޅަށް، ނުވަތަ އެއާއި އެއްވަރަށް ސަލާމް ދޭށެވެ. ނުވަތަ އެ ސަލާމް ރައްދުކުރާށެވެ! ހަމަކަށަވަރުން ކޮންމެ ކަމެއްގެ ހިސާބު ބައްލަވާ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.) [އައްނިސާއު: 86]
5. އަހަރެން ކާފަރުންނަށް އިސްވެ ސަލާމް ނުކުރަމެވެ. އަދި އޭނާ އަހަރެންނަށް ސަލާމްކޮށްފިނަމަ އަހަރެން ޖަވާބުދެނީ "وعليكم".އެވެ
އެއީ މި ޙަދީޘަށްޓަކައިއެވެ: “ޔަހޫދީންނާއި ނަޞާރާއިންނަށް އިސްވެ ސަލާމް ނުކުރާށެވެ." ރިވާކުރެއްވީ މުސްލިމެވެ.
6. ކުޑަކުއްޖާ ބޮޑުމީހާއަށް، އަދި ސަވާރުވެ ހުންނަ މީހާ ހިނގާބިނގާވެ އުޅޭ މީހާއަށް ، އަދި ހިގަމުންދާ މީހާ އިށީދެ އިންނަ މީހާއަށް ، އަދި މަދުމީހުން ގިނަ މީހުންނަށް ސަލާމްކުރާނީއެވެ. ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "ސަވާރުވެ އިންނަ މީހާ ހިނގާބިގާވެ އުޅޭ މީހާއަށް ، އަދި ހިނގަމުންދާ މީހާ އިށީނދެ އިންނަ މީހާއަށް، އަދި މަދުމީހުން ގިނަ މީހުންނަށް ސަލާމްކުރާށެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
7. އަންހެނާ އޭނާގެ މަޙްރަމުން ފިޔަވައި، ދެން ހުއްދަ ނުވާ މީހުންނާ އަތާ އަތްޖޯޑު ނުކުރުމެވެ.
އުންމުލް މުއުމިނީން، ޢާއިޝާ رضي الله عنها ގެ އަރިހުންވާ ޙަދީޘްގައިވެއެވެ: އެކަމަނާ ވިދާޅުވިއެވެ: "ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ! ﷲ ގެ ރަސޫލާ ﷺ ގެ އަތްޕުޅު ދުވަހަކުވެސް (ހިލޭ) އަންހެނެއްގެ އަތުގައި ބީހިފައި ނުވެއެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
ޖ: 1. ތަނަކަށް ވަނުމުގެ ކުރިން އަހަރެން ހުއްދައަށް އެދެމެވެ.
2. އަހަރެން ތިން ފަހަރު ހުއްދައަށް އެދެމެވެ. އަދި އެއަށްވުރެ އިތުރެއް ނުކުރަމެވެ. އެއަށްފަހު އަހަރެން އެނބުރިދާނީއެވެ.
ޙަދީޘްގައިވެއެވެ: “ތިޔަބައިމީހުންކުރެ މީހަކު ތިން ފަހަރު ހުއްދައަށް އެދި، ދެން ހުއްދަ ނުދެވުނުނަމަ؛ ފަހެ އެނބުރި ދާށެވެ.” މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
3. އަހަރެން ދޮރުގައި ޓަކި ޖަހަނީ މަޑުންނެވެ. އަދި ދޮރާ ދިމާލަށްވާ ގޮތަށް ނުހުންނަމެވެ. އޭގެ ބަދަލުގައި، ދޮރުގެ ކަނާތްފަރާތުގައި ނުވަތަ ވާތްފަރާތުގައި ހުންނަމެވެ. އަދި އަހަރެން ބުނަމެވެ: السلام عليكم. އެއީ މި ޙަދީޘަށްޓަކައިއެވެ: "ﷲ ގެ ރަސޫލާ ﷺ، ބަޔަކު މީހުންގެ ދޮރުމައްޗަށް ވަޑައިގެންފިނަމަ؛ އެކަލޭގެފާނުގެ މޫނުފުޅު ދޮރު ކުރިމައްޗަށްވާ ގޮތަށް ނުހުންނަވައެވެ. އެކަމަކު އޭގެ ކަނާތް ނުވަތަ ވާތު ކަނީގައި ވާގޮތަށް ހުއްޓިވަޑައިގަންނަވައެވެ. އަދި ވިދާޅުވެއެވެ: السلام عليكم، السلام عليكم»" ރިވާކުރެއްވީ އަބޫ ދާވޫދެވެ.
4. ބައްޕައާއި މަންމަގެ ގާތަށް، ނުވަތަ އެއްވެސް ކޮޓަރިއަކަށް ހުއްދަ ނުހޯދައި އަހަރެން ނުވަންނަމެވެ.
ޚާއްޞަކޮށް ފަތިހުގެ ކުރިންނާއި މެންދުރު ފަހުން ނިދާލާ ގަޑީގައިއާއި، އަދި ޢިޝާ ނަމާދަށް ފަހު އެވެ.
އެއީ އެކަލާނގެ މިބަސްފުޅަށްޓަކައިއެވެ: (އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނާއި، ތިޔަބައިމީހުންކުރެ ބާލިޣު ވުމުގެ ޢުމުރާ ހަމައަށް ނުފޯރާ ކުޑަކުދިންވެސް، ތިން ވަޤުތެއްގައި ތިޔަބައިމީހުންގެ ކިބައިން އިޛުނަ ލިބިގަންނަހުށިކަމެވެ. އެއީ ފަތިސްނަމާދުގެ ކުރިންނާއި، މެންދުރު ވަޤުތު ތިޔަބައިމީހުންގެ ފޭރާން ލުއިކޮށްގެން ތިބޭ ވަގުތުގައްޔާއި، ޢިޝާ ނަމާދުގެ ފަހުންނެވެ. (އެއީ) ތިޔަބައިމީހުން ނިވައިވެތިބޭ ތިން ވަޤުތެކެވެ. އެވަޤުތުތަކަށް ފަހު، ތިޔަބައިމީހުންގެ މައްޗަކަށްވެސް، އަދި އެ މީހުންގެ މައްޗަކަށްވެސް (ވަދެނުކުމެ އުޅުމުގައި) ކުށެއް ނެތެވެ. (އެ މީހުންނީ) ތިޔަބައިމީހުންގެ އެއްބަޔަކު ތިބޭތަނަކަށް އަނެއް ބަޔަކު ވަދެނުކުމެއުޅޭ ބަޔެކެވެ. އެފަދައިން ﷲ، ތިޔަބައިމީހުންނަށް އާޔަތްތައް ބަޔާން ކޮށްދެއްވައެވެ. އަދި ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ އިލާހެވެ.) [އައްނޫރު: 58].
5. މީހުން ދިރި ނޫޅޭ ތަންތަނަށް، މިސާލަކަށް: ހޮސްޕިޓަލެއް ނުވަތަ ފިހާރައެއް ފަދަ ތަންތަނަށް ހުއްދަ ނުހޯދައި އަހަރެންނަށް ވަދެވޭނެއެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (އެ ގެތަކުގައި ތިޔަބައިމީހުންނަށް ބޭނުމެއްވާ، އަދި މީހުންނޫޅޭ ގެތަކަށް ތިޔަބައިމީހުން ވަނުމަކުން، ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. އަދި ތިޔަބައިމީހުން ފާޅުކުރާ ކަންތަކާއި، ވަންހަނާކުރާ ކަންތައް اللَّه ދެނެވޮޑިގެންވެތެވެ.) [އައްނޫރު: 29].
ޖ: 1. އަހަރެން ޖަނަވާރަށް ކާންދީ ފެންދެމެވެ.
ޙަދީޘްގައިވެއެވެ: އެބޭކަލުން ދެންނެވިއެވެ: "އޭ ﷲ ގެ ރަސޫލާއެވެ! އަހަރުމެންނަށް ޖަނަވާރުތަކުގައި އަޖުރެއް ލިބެން އޮވޭތޯއެވެ؟" ޙަދީޘްކުރެއްވިއެވެ: “ތެތް ކޮންމެ ފުރަމޭއެއްގައި ވެސް އަޖުރުވެއެވެ.” މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
އޭގެ ބަނޑުގައި ބުރަކަށި ޖެހި ތަތްލާފައިވާ ޖަމަލެއްގެ ކައިރިން ﷲ ގެ ރަސޫލާ ﷺ ހުރަސްކުރެއްވިއެވެ. އެހިނދު ޙަދީޘްކުރެއްވިއެވެ: “މި ޖަނަވާރުތަކާ މެދު ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ.” ރިވާކުރެއްވީ އަބޫ ދާވޫދެވެ.
2. ރަޙުމްކޮށް، ކުލުނު ބަހައްޓާ، އަދި އެސޮރުމެންނަށް ކުޅަދާނަނުވާވަރުގެ ކަންކަން ނުޖެއްސުމެވެ.
ޙަދީޘްގައިވެއެވެ: އެކަލޭގެފާނު عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ: “މި ޖަމަލުގެ ވެރިޔަކީ ކާކު ހެއްޔެވެ؟ މި ޖަމަލަކީ ކާކުގެ އެއްޗެއް ހެއްޔެވެ؟" އެހިނދު އަންޞާރުންގެ ޒުވާނަކު އައިސް ދެންނެވިއެވެ: "އޭ ﷲ ގެ ރަސޫލާއެވެ! މިއީ ތިމަންނަގެ ޖަމަލެކެވެ." ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "ތިބާއަށް ﷲ މިލްކުވެރިކުރައްވާފައިވާ މި ޖަނަވާރާމެދު ތިބާ ﷲ އަށް ބިރުވެތިނުވަނީ ހެއްޔެވެ! ފަހެ އޭތި ތިމަންކަލޭގެފާނުގެ އަރިހުގައި ތިބާ އޭތި ބަނޑުހައިކުރުވައި ވަރުބަލިކޮށްލާކަމަށް ޝަކުވާ ކޮށްފިއެވެ." ރިވާކުރެއްވީ އަބޫ ދާވޫދާއި އަޙްމަދެވެ. تدئبه: އެބަހީ، ވަރުބަލިކުރުވުމެވެ.
3. އަހަރެން ޖަނަވާރުތަކަށް އެއްވެސް ކަހަލަ އަނިޔާއެއް އަދި ގެއްލުމެއް ދީގެން އަނިޔާއެއް ނުކުރަމެވެ.
އަދި ޖާބިރު رضي الله عنه ގެ އަރިހުންވާ ޙަދީޘްގައިވެއެވެ: ނަބިއްޔާ ﷺ ގެ އަރިހުން ލާފައި، އޭގެ މޫނުމަތީގައި އަލިފާނުން ތައްގަނޑު ޖެހިގެންވާ ޙިމާރެއް ހުރަސްކޮށްފައި ދިޔައެވެ. އެހިނދު ޙަދީޘްކުރެއްވިއެވެ: “ޖަނަވާރެއްގެ މޫނުގައި ނިޝާން ޖަހާ، ނުވަތަ މޫނުގައި ތަޅާ މީހާއަށް ތިމަންކަލޭގެފާނު ލަޢުނަތްދެއްވިކަން ތިޔަބައިމީހުންނަށް ޚަބަރު ނުފޯރާހެއްޔެވެ؟" ދެން އެކަލޭގެފާނު އެކަން ނަހީކުރެއްވިއެވެ." ރިވާކުރެއްވީ މުސްލިމު އަދި އަބޫ ދާވޫދެވެ. އަދި ލަފްޒުވަނީ އަބޫ ދާވޫދަށެވެ.
ޖ: 1. އަހަރެން ކުޅިވަރާއި ކަސްރަތުން ނިޔަތްގަންނަނީ ﷲ އަށް ކިޔަމަންވެ އެކަލާނގެ ރުއްސަވާ ކަންތައްކުރުމަށްޓަކައި ހަށިގަނޑު ވަރުގަދަކުރުމެވެ.
2. އަހަރުމެން ނަމާދު ގަޑީގައި ނުކުޅެމެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ. އެއީ އެމީހުންގެ ނަމާދާމެދު ޣާފިލުވެގެން ތިބެ ނަމާދުކުރާ މީހުންނެވެ.) [އަލްމާޢޫން: 4-5]
3. ފިރިހެން ކުދިން އަންހެން ކުދިންނާއެކު ކުޅިވަރު ނުކުޅެއެވެ.
4. އަހަރެންގެ ޢައުރަ ނިވާކޮށްދޭ ގޮތަށް ހުންނަ ކުޅިވަރު ހެދުން އަހަރެން ލަމެވެ.
5. މޫނުގައި ޖެހުމާއި ޢައުރަތް ހާމަކުރުންފަދަ ކަންކަންވާ، ޙަރާމް ކުޅިވަރުތަކުން އަހަރެން ދުރުހެލިވަމެވެ.
ޙަދީޘްގައިވެއެވެ: “ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ އަޚާއާ ހަނގުރާމަކުރިނަމަ ފަހެ އޭނާގެ މޫނުމަތިން (ޖެހުމުން) ދުރުވެ އެއްކިބާވާށެވެ." ރިވާކުރެއްވީ މުސްލިމެވެ.
ޖ: 1. ސަމާސާ ކުރާއިރު ތެދުވެރިވުމާއި ދޮގު ނުހެދުމެވެ.
ޙަދީޘްގައިވެއެވެ: “މީހުން ހެއްވާލަން ދޮގުހަދާ މީހާއަށް ހަލާކު ހުއްޓެވެ. އެ މީހާއަށް ހަލާކު ހުއްޓެވެ. އެ މީހާއަށް ހަލާކު ހުއްޓެވެ." ރިވާކުރެއްވީ އަބޫ ދާވޫދާއި އަޙްމަދާއި އައްތިރްމިޛީއެވެ.
2. މަލާމާތްކޮށް ފުރައްސާރަކުރުމާއި، ޖެއްސުންކޮށް އުނދަގޫކުރުމާއި، ބިރުދެއްކުމެއް ނެތް ސަމާސާއެއް ކަމުގައިވުމެވެ.
އެކަލޭގެފާނު عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ: “މުސްލިމަކު އެހެން މުސްލިމަކު ބިރުގެންނެވުން ހުއްދަވެގެން ނުވެއެވެ.” ރިވާކުރެއްވީ އަބޫ ދާވޫދާއި އަޙްމަދެވެ.
3. ސަމާސާކުރުން މާ ގިނަ ނުކުރުމެވެ.
އެކަލޭގެފާނު عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ: "އަދި ހުނުން ގިނަ ނުކުރާށެވެ. ފަހެ ހުނުން ގިނަކުރުމީ ހިތް މަރާލާ ކަމެކެވެ." މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީ އަދި އިބްނު މާޖާއެވެ.
ޖ: 1. ކިނބިހިއަޅާއިރު އަތް، ނުވަތަ ހެދުން ނުވަތަ ރުމާ (އަނގަމަތީ) އެޅުމެވެ.
2. ކިނބިހިއެޅުމަށްފަހު ތިބާ ﷲ އަށް ޙަމްދުކުރުމެވެ. «الحمد لله» ކިޔުމެވެ.
3. އޭނާގެ އަޚާ ނުވަތަ ރަޙްމަތްތެރިޔާ އޭނާއަށް ބުނާހުށިކަމެވެ: «يرحمك الله». (ﷲ ތިބާއަށް ރަޙްމަތްލައްވާށިއެވެ.)
- ދެންފަހެ އޭނާއަށް އެހެން ބުނެފިނަމަ މީނާ: «يهديكم الله ويصلح بالكم» (ﷲ ތިޔަބައިމީހުންނަށް ހިދާޔަތުދެއްވާ، ކަންކަން އިޞްލާޙުކޮށްދެއްވާށިއެވެ.) ބުނާހުށިކަމެވެ.
ޖ: 1. އާފުރުން އެތެރެއަށް ހިފަހައްޓަން މަސައްކަތްކުރުމެވެ.
ޙަދީޘްގައިވެއެވެ: “އާފުރުމަކީ ޝައިޠާނާގެ ފަރާތުން އަންނަ ކަމެކެވެ. ފަހެ ތިޔަބައިމީހުންގެ ތެރެއިން މީހަކު އާފުރެންފެށިއްޖެނަމަ ވީހާވެސް ބޮޑަށް އެކަން ހުއްޓުވާށެވެ.” މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
2. އާފުރޭއިރު: "އާހް، އާހް" ލައްވައި އަޑު ނުއުފުލުމެވެ.
ޙަދީޘްގައިވެއެވެ: “އަދި އޭނާ ‘އާހް، އާހް’ އޭ ނުކިޔާށެވެ. ފަހެ ތިޔަބައިމީހުންގެ ތެރެއިން މީހަކު (އާފުރޭއިރު) އަނގަ ހުޅުވައިފިނަމަ، ޝައިޠާނާ އޭނާއާމެދު ހޭންފަށައެވެ." ރިވާކުރެއްވީ އަޙްމަދެވެ.
3. އަނގަމަތީ އަތް އެޅުން.
ޙަދީޘްގައިވެއެވެ: “ތިޔަބައިމީހުންގެ ތެރެއިން މީހަކު އާފުރިއްޖެ ނަމަ، އޭނާގެ އަނގަމަތީގައި އަތް އަޅާށެވެ. އެހެނީ ޝައިޠާނާ ވަންނަނީއެވެ.” ރިވާކުރެއްވީ މުސްލިމެވެ.
ޖ: 1. ވުޟޫކުރުމަށްފަހު ޠާހިރުކަންމަތީ ކިޔެވުން.
2. އަދަބުވެރިކަމާއި މަޑުމައިތިރިކަމާއެކު އިށީނދެ އިނުން.
3. ކިޔަވަން ފަށާއިރު، ޝައިޠާނާގެ ކިބައިން ރައްކާތެރިކުރެއްވުމަށް ﷲ ގެ ޙަޟްރަތަަށް އެދި ދަންނަވަމެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (ފަހެ، ކަލޭގެފާނު ޤުރްއާން ކިޔަވައި ވިދާޅުވާނަމަ، ފަހެ، ރަޙުމަތުން ބޭރުކުރެވިގެންވާ ޝައިޠާނާގެ ކިބައިން ދުރުކުރެއްވުންއެދި، اللَّهގެ ރައްކާތެރިކަމަށްއެދި ދަންނަވާށެވެ!) [އައްނަޙްލު: 98]
4. އަހަރެންގެ ކިޔެވުމާމެދު ވިސްނާ ފިކުރުކޮށް ތަދައްބުރުކުރަމެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (ފަހެ ޤުރްއާނާމެދު އެއުރެން ވިސްނައި ފިކުރު ނުކުރަނީހެއްޔެވެ؟ ނުވަތަ (އެއުރެންގެ) ހިތްތަކުގައި ތަޅުތަކެއް ލެވިފައިވަނީ ހެއްޔެވެ؟) [މުޙައްމަދު: 24]
*******
ޖ: 1. ﷲ އަށް ޙަމްދު ޘަނާ ކިޔުމުން ފެށުމެވެ.
2. ނަބިއްޔާ ﷺގެ މައްޗަށް ޞަލަވާތް ކިޔެވުމެވެ.
- ނަބިއްޔާ ﷺގެ އަރިހުންވާ ޙަދީޘްގައިވެއެވެ: “ތިބާ ނަމާދުކޮށް އިށީންދެއްޖެނަމަ، ފަހެ ﷲ އަށް ޙައްޤުވާ ގޮތަށް ޙަމްދުކުރާށެވެ. އަދި ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުމަށް އެދޭށެވެ. ދެން ތިބާ އެކަލާނގެ ޙަޟްރަތަށް ދުޢާކުރާށެވެ." މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީއެވެ.
3. ދުޢާ ކުރާއިރު ދެ އަތް އުފުލުން.
ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: “ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރި ރައްބު ތަބާރަކަ ވަތަޢާލާއީ، ދިލަތިވަންތަ ލަދުވެތިވެވޮޑިގަންނަވާ ކަލެކެވެ. އަޅަކު އެކަލާނގެ ޙަޟްރަތަށް ދެ އަތް އުފުލައިފިނަމަ، ހުސްއަތާ އަނބުރާ ފޮނުއްވުމަށް އެކަލާނގެ ލަދުވެތިވެ ވޮޑިގަންނަވައެވެ." މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީ އާއި އަބޫ ދާވޫދެެވެ.
4. ތައުބާވެ ފާފައަށް އިޢުތިރާފުވުން.
- މޫސާ عليه السلام ގެ ދުޢާގައިވެއެވެ: (އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ނަފްސަށް އަޅު އަނިޔާކޮށްފީމެވެ. ފަހެ، މިއަޅާޔަށް އިބައިލާހު ފާފަފުއްސަވާނދޭވެ! ދެން އެކަލާނގެ، އެކަލޭގެފާނަށް ފާފަފުއްސެވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ.) [އަލްޤަޞަޞް: 16]
5. ދުޢާކުރުމުގައި އާދޭސް ދެންނެވުމެވެ. މާނައަކީ ދުޢާ ގިނަކޮށް ތަކުރާރުކުރުމެވެ.
6. އިޖާބަވުމަށް އަވަސްވެ ނުގަތުމެވެ.
7. ފާފައަކަށް ނުވަތަ ރަޙިމުގެ ގުޅުމެއް ކަނޑާލުމަށް ދުޢާ ނުކުރާށެވެ.
ޙަދީޘްގައިވެއެވެ: “ފާފައަކަށް ނުވަތަ ޢާއިލީ ގުޅުމެއް ކަނޑާލުމަށް ދުޢާ ނުކުރާހާ ހިނދަކު، އަޅާއަށް ދުޢާ އިޖާބަކުރެވުން ފިލައި ނުދެއެވެ. އޭނާ އަވަސްއަރައިގެން އުޅެފިނަމަ މެނުވީއެވެ." ދެންނެވުނެވެ: "އޭ الله ގެ ރަސޫލާއެވެ! އަވަސްވެގަތުމަކީ ކޮބާ ހެއްޔެވެ؟" ޙަދީޘްކުރެއްވިއެވެ: "އޭނާ ބުނެއެވެ: "ތިމަން ދުޢާކޮށްފީމޭ، އަދިވެސް ދުޢާކޮށްފީމޭ އެކަމަކު އިޖާބަކުރެވުނު ތަނެއް ނުފެނެޔޭއެވެ." ދެން އެހިނދުން އޭނާ ހިތްދަތިވެ ދެރަވެއެވެ. އަދި ދުޢާކުރުން ދޫކޮށްލައެވެ." ރިވާކުރެއްވީ އަލްބުޚާރީ އާއި މުސްލިމެވެ.
8. ދުޢާ ކުރާއިރު އަޑުމަޑުކުރުން.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (މަޑުމޮޅިކަމާއި، ވަންހަނާ ގޮތުގައި، ތިޔަބައިމީހުންގެ ވެރިރައްބަށް ދުޢާކުރާށެވެ!) [އަލްއަޢުރާފު : 55]
9. ދުޢާކުރާއިރު ހިތް ޙާޟިރުކޮށްފައި ބެހެއްޓުން.
ޙަދީޘްގައިވެއެވެ: "ތިޔަބައިމީހުންނަށް އިޖާބަކުރެވޭނެކަން ޔަޤީންކޮށްގެން ތިބެ ﷲ އަށް ދުޢާކުރާށެވެ. އަދި ދަންނާށެވެ! ޣާފިލުވެ، ސަމާލުކަން ގެއްލިގެންވާ ހިތަކުން ކުރާ ދުޢާއެއް އެކަލާނގެ އިޖާބަ ނުކުރައްވާނެއެވެ." މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީއެވެ.
10. ﷲ އަށް އިޚްލާޞްތެރިވުމާއި، އަދި ދަތިކަމާއި ތަނަވަސްކަމުގައިވެސް ހަމައެކަނި ﷲ ގެ ޙަޟްރަތަށް އެދި ދެންނެވުމެވެ.
އެކަލާނގެ ވަޙީކުރެއްވިއެވެ: (އަދި މިސްކިތްތައް ވަނީ اللَّه އަށެވެ. ފަހެ، ތިޔަބައިމީހުން اللَّه އާއެކު އެހެން އެއްވެސް ފަރާތަކަށް ދުޢާ ނުކުރާހުށިކަމެވެ!) [އަލްޖިންނު: 18]
11. ﷲ ގެ ރިވެތިވެގެންވާ ނަންފުޅުތަކާއި ޞިފަފުޅުތައް މެދުވެރިކޮށް އެކަލާނގެއަށް ދެންނެވުން.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (އެންމެ ރިވެތި ނަންފުޅުތައް ލިބިގެން ވަނީ ﷲ އަށެވެ. ފަހެ އެ ނަންފުޅުތަކުން ތިޔަބައިމީހުން އެ އިލާހަށް ނަންދޭށެވެ.) [އަލްއަޢުރާފު : 180]
12-ޤިބުލައަށް ކުރިމަތިލުން. ޙަދީޘްގައިވެއެވެ: “ދެންފަހެ ޤިބްލައަށް ކުރިމަތި ލައްވައިގެން، ދެ އަތްޕުޅު (މައްޗަށް) ދަންމަވައިގެން އެކަލޭގެފާނުގެ ވެރި ރައްބަށް ގޮވާލައްވަމުން ގެންދެވިއެވެ. އެކަލޭގެފާނުގެ ކޮނޑުފުޅުން ހެދުންކޮޅު ވެއްޓިއްޖައުމަށް ދާންދެނެވެ." ރިވާކުރެއްވީ މުސްލިމެވެ.
13. ކާބޯތަކެއްޗާއި އަންނައުނު ހެޔޮ ޙަލާލު ތަކެތި ކަމުގައިވުން. ޙަދީޘްގައިވެއެވެ: "ދެން އެކަލޭގެފާނު މީހެއްގެ ވާހަކަ ކިޔާ ދެއްވިއެވެ. އެ މީހާ ދިގުރާސްތާގައި ދަތުރުކޮށްފައިދެއެވެ. ބޮލުގެ އިސްތަށިތައް ހޭވި، ހިރަފުސްވެފައިވާ މީހެކެވެ. އޭނާގެ ދެ އަތް އުޑަށް އުފުލައިގެން ހުރެ ގޮވައެވެ: "އޭ އަޅުގެ ވެރި ރައްބެވެ! އޭ އަޅުގެ ރައްބެވެ!" އޭރު އޭނާ ކައި އުޅެނީ ޙަރާމް ތަކެތިންނެވެ. ބޯތަކެތިވެސް ޙަރާމެވެ. ލައިއުޅެނީވެސް ޙަރާމް ތަކެއްޗެވެ. ޙަރާމުން ކާނާ ދެވިފައި ހުރި މީހެކެވެ. ދެންފަހެ އޭނާއަށް ދުޢާ އިޖާބަވާނީ ކިހިނަކުންހެއްޔެވެ!؟" ރިވާކުރެއްވީ މުސްލިމެވެ.